މަރަދޫގައި އަަންހެނަކު ގަދަކަމުން ގޭގައި ބަންދުކޮށްގެން އުޅޭކަމަށް ބުނާ މައްސަލަ މިދަނީ ބަލަމުން: ފުލުހުން

16 Jun 2021 | 23:37

އައްޑޫ ސިޓީގެ މަރަދޫގެ ގެއެއްގެ ތެރޭގައި އަންހެނެއްގެ ރުހުމާއި ދެކޮޅަށް އޭނާ ގޭތެރޭގައި ބަންދުކޮށްގެން އުޅޭކަމަށް ބުނާ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

މިޝްފާ މުހައްމަދު ނަމަކަށް ކިޔާ އުމުރުން 22 އަހަރުގެ މި އަންހެންމީހާ، އޭނާގެ ފޭސްބުކް އެކައުންޓްގައި ވަނީ އޭނާގެ ރުހުމަކާއި ނުލައި އޭނާގެ މައިންބަފައިން އޭނާ ބަންދުކޮށްގެން އުޅޭކަމަށާއި ފޯނު އަތުލައި މީސް މީޑިއާފަދަ ވަސީލަތްތައް ބޭނުންކުރުން މަނާކޮށްފައިވާކަމަށެވެ. އަދި ގެއިން ބޭރަށް ނުކުތުމުގެ ފުރުސަތުވެސް ނޯންނަކަމަށާއި، ގޭގެ ބޭރުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށް އިލެކްޓްރޯނިކް ދޮރެއް ހަރުކޮށްފައިވާކަމަށެވެ.

މީގެ އިތުރުން 2016ވަނަ އަހަރުގައި އޭނާ ގެއިން ފިލައިގެން މާލެއަށް ކައިވެނިކުރަން ދިއުމުން، ސީރިޔާއަށް ދާން އުޅޭކަމަށް ބުނެ އޭނާގެ މައިންބަފައިން ރިޕޯޓްކުރިކަމަށްވެސް މިޝްފާ ވަނީ ފޭސްބުކްގައި ބުނެފައެވެ. ނަމަވެސް އެފަހަރު އޭނާ މާލެއަށް ދިޔައީ ޕާސްޕޯޓުވެސް ހިފައިގެނެއް ނޫންކަމަށް ވަނީ ފާހަގަކޮށްފައެވެ. މިޝްކާގެ ފޭސްބުކްގައި މި ވާޙަކަތައް އާންމުކުރުމުން، މީސް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ އެ ވާހަކަތަކަކީ ތެދުކަމަށާއި އެކަން ކަމާބެހޭ ފަރާތްތަކުން ބަލަންޖެހޭނެކަމަށް ބުނެފައެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ބުނީ އައްޑޫ ސިޓީގެ މަރަދޫގައި އަަންހެނަކު ބޭރަށް ނުދެވޭގޮތަށް ގަދަކަމުން ގެއެއްގައި ގެންގުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ޖެންޑަރ މިނިސްޓްރީއާއި ގުޅިގެން ބަލަމުންދާކަމަށެވެ.

Advertisement

ކޮމެންޓް