ހިޔާ ފްލެޓްތަކަށް ކަރަންޓުދޭން ބޭނުންވާ ޓްރާންސްފޯމަރުތައް ހަރުކޮށްދޭން ސްޓެލްކޯއިން އޮތީ ތައްޔާރަށް!

17 Jun 2021 | 00:12

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާ ޓްރާންސްފޯމަރުތައް ހަރުކޮށްދޭން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ހުށައަޅާފައިވާކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ހާމަކުރައްވައިފިއެވެ.

އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ މާލޭގެ މޭޔަރ ޑރ.މުހައްމަދު މުޢިއްޒުއާ އެކުގައި އިއްޔެ މެންދުރުފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ހިޔާ ފްލެޓްތަކަށް އާއްމުންނަށް ވަދެވޭނެ ތާރީޚާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ އެތަނުގައި ނުނިމި އޮތް އެންމެ ބޮޑު ކަމަކީ އެހިސާބަށް ކަރަންޓް ގެންދިއުންކަމަށެވެ. އެކަމަށް މިހާރުވެސް ކުޑަ ދަތިކަމެއް އެބަހުރިކަމަށާއި، އެއީ އެތަނުގައި ޓްރާންސްފޯމަރު ހަރުކުރުމުގައި ހުރި ދަތިތަކެއްކަމަށެވެ. އެގޮތުން ކުރިން ފެށިގެންވެސް އެ މަސައްކަތް ހަވާލުކުރެވިފައިވަނީ ޗައިނާގެ ކުންފުންޏަކަށް ކަމަށާއި، އެ ކުންފުނިން މާލެއަށް ޓްރާންސްފޯމަރުތައް ގެނެސްފައިވާކަމަށެވެ. ނަމަވެސް އެ އިންސްޓޯލްކުރަން ޗައިނާއިން ރާއްޖެއަށް އަންނަންޖެހޭ ފަރާތްތަކަށް، އައުމުގެ ހުއްދަ ޗައިނާ ސަރުކާރުން ނުލިބިގެން ނާދެވިފައިވާކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެބޭފުޅާ ވިދާޅުވީ ޗައިނާގެ ކުންފުނިން އެހެން ބަޔަކު ލައްވާ ޓްރާންސްފޯމަރު ހަރުކޮށްފިނަމަ އޭގެ ވޮރެންޓީ ގެއްލޭނެކަމަށެވެ. އެހެނަސް ސްޓެލްކޯއިން ތިބީ އެ ޓްރާންސްފޯމަރު ހަރުކޮށްދޭގޮތަށް ކަމަށް މިނިސްޓަރ އަސްލަމް ވަނީ ހާމަކުރައްވާފައެވެ.

ނަމަވެސް އެކަން ހައްލުކުރުމަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުންދާކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި އެ ފްލެޓްތަކަށް ފެން ފޯރުކޮށްދޭން ހަވާލުކުރި އެމްޑަބްލިޔުއެސްސީ ކުންފުނިން އެ މަސައްކަތްކޮށް ނިންމާފައިވާކަމަށްވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. އަސްލަމް ވަނީ ޖުލައިމަހުގެ ފަހުކޮޅުގެ ތެރޭގައި އެތަނަށް މީހުންނަށް ވަދެ، ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement