ދިވެހިރާއްޖެއާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ފެށުމުގެ ވިސްނުމެއް ނެތްކަމަށް ބުނެފި

17 Jun 2021 | 12:40

ދިވެހިރާއްޖެއާއި އިޒްރޭލާއި ދެމެދުގައި ވައިގެ ދަތުރުފަތުރުތައް ބޭއްވުމަށް ހުއްދަދޭން ދިވެހި ސަރުކާރުން ވިސްނާފައި ނުވާނެކަމަށް ބުނެފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެއާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާއި ޚިލާފު އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، އެފަދަ ކަމަކާއި ގުޅޭގޮތުން މިހާތަނަށް މަޝްވަރާ ކުރެވިފައެއް ނެތްކަމަށެވެ. އަދި އެފަދައިން ދަތުރުކުރުމަށް އެއްވެސް އެއާލައިނަކަށް ހުއްދައެއްވެސް ދެވިފައި ނުވާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމާއި ބެހޭގޮތުން އިޒްރޭލާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ މިފަދަ ހުއްދައެއް ދޭން ދިވެހި ސަރުކާރުން ވިސްނާފައި ނުވާކަމަށެވެ. އަދި އިޒްރޭލާއި ރާއްޖޭއާއި ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައި ނުވާކަމަށްވެސް ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިޒްރޭލުގެ ނޫހެއްކަމަށްވާ "ހެޔޯމް"ގައި ވަނީ އެއަރ ސީޝެލްސް މެދުވެރިކޮށް ރާއްޖެއާއި އިޒްރޭލާއި ދެމެދުގައި އަންނަ ސެޕްޓެމްބަރ މަހުން ފެށިގެން މަސް ދުވަހުގެ މުއްދަތަަކަށް ސީދާ ދަތުރުތައް އޮންނަ ޕެކޭޖެއް، އިޒްރޭލުގެ ޓްރެވަލް އޭޖެންސީއަކުން ވިއްކަމުންދާކަމަށް ބުނެފައެވެ. މިހާރުވެސް ދިވެހިރާއްޖެއަށް ޑައިރެކްޓް ނޫން ފްލައިޓްތަކުން އިޒްރޭލުގެ ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. 

މި ސަރުކާރުން ވަނީ ރާއްޖެއިން އިޒްރޭލާއި ގުޅޭގޮތުން ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނުގެންނާނެކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް