Advertisement

ހިޔާ ފްލެޓްތަކުގެ މަހު ކުލީގެ ހިސާބު ދެ ސަރުކާރުން ޖެހިގޮތް ހާމަކޮށްފި

17 Jun 2021 | 19:03

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކަށް އާންމު ފަރާތްތަކުން މަހުކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ހިސާބު ދެ ސަރުކާރުގެ ފަރާތުން ޖަހާފައިވާގޮތް ހާމަކޮށްފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކޮށްދީފައިވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗީފް ފައިނޭންޝިއަލް އޮފިސަރ އަހުމަދު ޝާމެވެ.

ޝާމް ވިދާޅުވިގޮތުގައި މީގެކުރިން އޮތްގޮތުން ނަމަ، ހިޔާ މަޝްރޫއުގެ ޔުނިޓުތަކުގެ މަހުކުލި ހިސާބުކުރެވުނީ މަޝްރޫއުގެ އިމާރާތްކުރުމުގެ ޚަރަދު އެއްކޮށް ހިމަނައި، ޔުނިޓަކަށް 62،000 ޑޮލަރުގެ ރޭޓުންކަމަށެވެ. އޭރުން 7000 ޔުނިޓަށް ގާތްގަނޑަކަށް 434 މިލިޔަން ޑޮލަރު ޖެހޭނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި އިމާރާތްކުރުމުގެ މުއްދަތަށް އަރާނެކަމަށް ބެލެވޭ އިންޓްރެސްޓް އަދަދާއި، މާކެޓިންގ އަދި އިދާރީ ކަންތައްތަކަށްވެސް ޚަރަދެއް ކަނޑައެޅުނުކަމަށް ޝާމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޕްރޮޖެކްޓް މެނޭޖްމެންޓާ، ބިމުގެ އަގު އަދި ފިނިޝިންގއަށްވެސް ވަކިވަރެއް ހިސާބު ޖެހުމުގައި ހިމަނާފައިވާކަމަށް އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ. އޭރު ފްލެޓްތަކުގެ ޖުމްލަ އަދަދަކަށް އައީ 8.6 ބިލިޔަން ރުފިޔާކަމަށް ޝާމް ވަނީ ވިދާޅުވެފައެވެ. މި އަދަދު ހިޔާ ފްލެޓްގައި މީހުން ދިރިއުޅޭނެ 6844 ޔުނިޓަށް ބަހާލުމުން 1.27 މިލިޔަން ރުފިޔާ ޖެހޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އޭރު މި ފްލެޓްތަކަށް މަހުކުލީގެ ގޮތުގައި 5600 ރުފިޔާ ހަމަޖެހިފައިވަނީ މި 1.27 މިލިޔަން ރުފިޔާގެ ތެރެއިން، ޑައުންޕޭމަންޓްގެ ގޮތުގައި 25،000 ރުފިޔާ ނަގާގޮތަށްކަމަށް ޝާމް ވަނީ ފާހަގަކުރައްވާފައެވެ.

"އެހެންވީމަ އެ އަދަދު އުނިކުރީމަ އަންނަ 1.245 މިލިޔަން ރުފިޔާ 20 އަހަރަށް ބަހާލައި، 12 މަހަށް ބަހާލިމަ ޖެހޭ އަދަދު އެއީ 5189 ރުފިޔާ. އެ އަދަދަށް މި އިތުރުކުރަނީ 8 ޕަސެންޓްގެ އިންޓްރެސްޓެއް. އެ މަހަކު ދައްކާ އަދަދަށް މި އިތުރުކުރަނީ 8 ޕަސެންޓްގެ އިންޓްރެސްޓެއް. އެއީ 415 ރުފިޔާ. އިތުރުކުރީމަ އަންނަ އަދަދެއް 5600 ރުފިޔާއަކީ"، ޝާމް ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވަނީ މި ހިސާބުކުރުމުގައި މައްސަލަތަކެއް ހުރިކަމަށް ވިދާޅުވެފައެވެ. އެގޮތުން އިންޓްރެސްޓްގެ ހިސާބު ޖަހާފައިވަނީ އާންމުކޮށް އީއެމްއައި ހިސާބުޖަހާ ގޮތްތަކާ ޚިލާފަށްކަމަށް ޝާމް ވަނީ ފާހަގަކުރައްްވާފައެވެ.

ނަމަވެސް އާންމުކޮށް ބޭނުންކުރާ އީއެމްއައި ފޯމިއުލާ ބޭނުންކުރުމުން 1.245 މިލިޔަން ރުފިޔާ ބަހާލުމުން އަންނަނީ 10،418 ރުފިޔާކަމަށް ޝާމް ވަނީ ވިދާޅުވެފައެވެ.

ޝާމް ވިދާޅުވީ މި ސަރުކާރުން ހިޔާ ފްލެޓްތަކުގެ މަހުކުލި ހިސާބުކުރުމުގައި ގެންގުޅުނު އުސޫލަކީ ރައްޔިތުންނަށް ހަމައެކަނި ފޯރުކޮށްދޭނީ އިމާރާތްކުރުމަށް ދިޔަ ޚަރަދާއި އިމާރާތްކުރިއިރުގައި ހިނގައިދިޔަ އިންޓްރެސްޓް އެކަނި ކަމަށެވެ. އަދި އޭގެ އިތުރުން ކުރިން ދެން ހުރި ޚަރަދުތައް ނުހިމަނައި ހިސާބު ޖަހަން ނިންމިކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

އެހެން ހިސާބު ޖަހައިފިނަމަ، ކުރިން އޮތް 1.27 މިލިޔަން ރުފިޔާ އެއް މިލިޔަން 83 ހާސް ރުފިޔާއަށް ކުޑަވެގެންދާކަމަށް ޝާމް ވަނީ ހާމަކުރައްވާފައެވެ. އޭރުން ކުރީގައި އޮތް އަގުން ކޮންމެ ޔުނިޓަަކުން 187،000 ދަށްވެގެންދާނެކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. އޭރުން ޖުމްލަ 1.2 ބިލިޔަން ރުފިޔާގެ ޚަރަދު ސަރުކާރުން ނަގަންޖެހޭނެ ކަމަށެވެ.

ނަތީޖާއެއްގެ އެއް މިލިޔަން 83 ހާސް ރުފިޔާ، 25 އަހަރުގެ ލޯނެއްގައި މިހާރު ނަގާފައިވާ ލޯނާއި ގާތް އަދަދެއްގެ އިންޓްރެސްޓް ރޭޓަކަށް އެޕްލައިކުރުމުން މަހުކުލީގެ ގޮތުގައި އަންނަ އަދަދަކީ 7500 ރުފިޔާއަކަށް ޝާމް ވަނީ ވިދާޅުވެފައެވެ. މި ހިސާބު ޖެހިއިރު، އާންމުން އެތަނުގެ ފިނިޝިންގ މަސައްކަތްތައް ކުރަންޖެހޭނެތީވެ ޑައުންޕޭމަންޓް ހިމަނާފައި ނުވާނެކަމަށްވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ޝާމް އިތުރަށް ވިދާޅުވީ މަހުކުލީގެ ގޮތުގައި 5600 ރުފިޔާ ކަނޑައަޅައިފިނަމަ، ލޯނުގެ ފުރިހަމަ އަދަދު އަނބުރާ ނުދެއްކޭނެކަމަށެވެ. އެފަދަ ހާލަތެއްގައި 2033 އާއި ހަމައަށް ޖުމްލަ 4.5 ބިލިޔަނެއްހާ ރުފިޔާ ސަރުކާރު ނުވަތަ އެޗްޑީސީގެ ބަޖެޓުން ލޯނު އަނބުރާ ދައްކަން އިތުރަށް ފައިނޭންސް ކުރަންޖެހޭނެކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް

Advertisement