އައްމަޓީ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރަނީ

17 Jun 2021 | 18:57

ޚިޔާނާތްތެރިވުމުގެ 42 ދައުވާއެއް އުފުލިފައިވާ ސީލައިފް ގްލޯބަލް އިންކްގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ‎ވ. ތިނަދޫ، ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާމެދު މި އޮފީހުން ހިތްހަމަ ނުޖެހޭތީ، އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާކަމަށެވެ.

އައްމަޓީގެ މައްޗަށް އުފުލިފައިވާ ޚިޔާނާތުގެ 42 ކުށުގެ ދައުވާއާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައު އޭނާ ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ، އެއީ ކޮންމެހެން ބަންދުގައި ބަހައްޓައިގެން ކުރިއަށްގެންދަން ޖެހޭފަދަ މައްސަލައެއް ނޫންކަމަށް ބުނެއެވެ. ނަމަވެސް އޭނާއަށް ވަނީ ޝަރީއަތަށް ހާޒިރުވުމަށާއި މާލެއިން ބޭރަށް ނުދިއުމަށް ޝަރުތުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަދު ބޭއްވި އަޑުއެހުމުގެ ދައުލަތުގެ ފަރާތުން ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން އައްމަޓީ ބަންދުގައި ބަހައްޓައިދޭން، ގާޒީ ހަސަން ސައީދުގެ ކިބައިން އެދިފައެވެ. އެއީ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި، އޭނާގެ ސަބަބުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބުނެއެވެ. ނަމަވެސް އައްމަޓީގެ ދިފާއީ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒު މުހުސިން ވަނީ އައްމަޓީއަކީ ފިލައިގެން އުޅުނު މީހެއް ނޫންކަމަށްބުނެ، މައްސަލައާއި ގުޅިގެން އޭނާ ދައުލަތުގެ މުއައްސަސާތަކަށް އެއްބާރުލުން ދެމުންގެންދިޔަކަމަށް ވިދާޅުވެފައެވެ.

އަދި މި މައްސަލަ ބިނާވެފައިވަނީ ކިތާބީ ހެކިތަކެއްގެ މައްޗަށްކަމުން، އެފަދަ ހެކިތަކަށް ނުފޫޒު ފޯރުވޭނެގޮތެއް ނެތްކަމަށްވެސް މުހުތާޒް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ އަޑުއެހުމުގައި އައްމަޓީވެސް ވަނީ އޭނާ ފިލައިގެން ނުދާނެކަމުގެ ޔަގީންކަންދޭ ކަމަށް ބުނެފައެވެ. އެގޮތުން އޭނާ ރާއްޖެއަށް އައީ ބޭނުންވެގެން އަމިއްލަ އިޚްތިޔާރުގައިކަމަށްވެސް އައްމަޓީ ވަނީ ބުނެފައެވެ. މިއަދުގެ އަޑުއެހުމުގެ ތެރެއިން އައްމަޓީ ވަނީ އޭނާގެ ޝަރީއަތުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ކޯޓްރޫމްގައި ކުރިއަށްގެންދަން އެދިފައެވެ. އެކަމަށް ދައުލަތުން އިއުތިރާޒުކޮށްފައެއް ނުވެއެވެ.

އައްމަޓީގެ މައްޗަށް ކޮށްފައިވާ ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލުހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އައްމަޓީ ވަނީ މީހުންގެ ފައިސާއަށް ޚިޔާނާތްތެރިވެފައި ނުވާނެކަމަށް ބުނެ، ސީލައިފް ފްލެޓްތައް ނޭޅި ގޮސްފައިވަނީ އޭރު އެޗްޑީސީގައި ތިބި އިސްފަރާތްތަކުން އަމަލުކުރިގޮތުގެ ސަބަބުންކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement