ޝާފިއުގެ އާއިލާއަށް ކުރާ އަނިޔާ: ހަގީގަތާއި ޚިލާފް ވާހަކަ ދައްކާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި

17 Jun 2021 | 22:24

ސަލާމަތީ ޚިދުމަތްތަކާއި، އެތަންތަނުގެ ވަކިވަކި މުވައްޒަފުންނާއި މެދު ހަގީގަތާއި ޚިލާފް ވާހަކަ ދައްކާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިހެން ބުނެފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވާން އުޅުނުކަމުގެ ކުށް ސާބިތުވެ، އަފްޣާނިސްތާނުގެ ޖަލެއްގައި  ބަންދުގައި ހުރި ދިވެހި ފިރިހެނެއްކަމަށްވާ ޢަލީ ޝާފިޢު އަދި އޭނާގެ އަނބިދަރިންނަށް ދިވެހި ފުލުހުން ބޭއަދަބީ ބަހުން މުއާމަލާތްކޮށް އަނިޔާއަށް މަގުފަހިކުރުވިކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް ނެރުނު ނޫސް ބަޔާނެއްގައެވެ.

ފުލުހުންގެ ނޫސް ބަޔާނުގައި ބުނީ މި މައްސަލައިގައި ޢަލީ ޝާފިޢުއާއި އޭނާގެ އާއިލާއަށް ދިވެހި ފުލުހުން އަނިޔާކޮށް، ހުތުރުބަހުން މުޢާމަލާތްކޮށްފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއްކަމަށެވެ. އަދި މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ އެއްވެސް މަސައްކަތެއްގެ ތެރެއިން، އިންސާނީ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެފަދަ އެއްވެސް އަމަލެއްކޮށްފައި ނުވާނެކަމުގެ ޔަގީންކަން ދޭކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ބަޔާނުގައި ފުލުހުން ވަނީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ސަލާމަތީ ޚިދުމަތްތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ ވަކިވަކި މުވައްޒަފުންނާއި މެދު މީހުންގެ މެދުގައި ނަފްރަތު އުފައްދައި، އެ މުވައްޒަފުންގެ ފުރާނަ ނުރައްކަލަށް ހުށައެޅޭނެގޮތަށް ހަގީގަތާއި ޚިލާފް ވާހަކަތައް ދައްކައި ސޯޝަލް މީޑިއާގައި ވަކިވަކި ޕޯސްޓްތައް ކުރަމުންދާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ވޮއިސް"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ޝާފިޢުގެ މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާކަމަށް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފާއިތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި ޝާފިއުގެ އާއިލާއިން ވަނީ އޭނާ އަދި އޭނާގެ އަންހެނުންނާއި ކުދިންނަށް އަފްޣާނިސްތާނުގެ ޖަލުގައި ބޮޑެތި އަނިޔާތަކެއް ކުރަމުންދާކަމަށް ބުނެފައެވެ. އެގޮތުން އަނިޔާކޮށް މަޖުބޫރު ކުރުވައިގެން ކުށަށް އިއުތިރާފްކުރުވަން މަސައްކަތްކުރުމާއި، ދަރިންނާއި އަންހެނުންނަށްވެސް އަނިޔާކުރާކަމަށް ވަނީ ބުނެފައެވެ. ޝާފިއުގެ އާއިލާއިން ބުނެފައިވާ ގޮތުގައި އޭނާއާއި އޭނާގެ އަނބިދަރިންނަށް މިފަދައިން އަނިޔާދެމުންދަނީ ދިވެހި ފުލުހުންގެ ފަރާތުން ފޯރުކޮށްދީފައިވާ އިންޓެލް ރިޕޯޓެއްގެ މައްޗަށް ބިނާކޮށެވެ. މި މައްސަލައިގައި އެފަރާތްތަކަށް އިންސާފު ހޯދައިދީ، އަނބުރާ ރާއްޖެއަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށްވެސް ކޮށްފައިވާނެކަމަށް އެ އާއިލާއިން ވަނީ ބުނެފައެވެ.

ޝާފިއުގެ މައްސަލައިގައި ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާއަކީ ދީނީ ހަރުކަށި ފިކުރަށް ތާއިދުކުރާ، އެފަދަ ފަރާތްތަކާއި ގުޅުން ބާއްވަމުން އައިސްފައިވާ ފަރާތެއްކަމަށެވެ. އެގޮތުން 2015ވަނަ އަހަރުގައި ޝާފިއުއާއި އޭނާގެ ދަރިފުޅާއި ކުރީގެ އަންހެނުން ތުރުކީ މަގުން ސީރިޔާއަށް ފުރަން އުޅެނިކޮށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހިފެހެއްޓިކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި ބ.ހިބަޅިދޫ މައްސަލައިގައި އޭނާ ހައްޔަރުކުރެވި، ޝަރީއަތަށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ނެތުމުން ދޫކޮށްލިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އޭގެ ފަހުން އޭނާ ވަނީ އަނބިންނާއި ހަތަރު ދަރިންނާއި އެކުގައި ބޭސްފަރުވާއަށް ސްރީލަންކާއަށް ގޮސް، އެތަނުން ޕާކިސްތާނަށްގޮސް، އަފްޣާނިސްތާނަށް އެތެރެވިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement