"ނަފުރަތުގެ ބިލް" އަނބުރާ ގެންދަން 101 އިލްމުވެރިއަކު ޕެޓިޝަނެއް ހުށަހަޅައިފި

18 Jun 2021 | 12:18

މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން މަޖިލީހަށް ހުށަހެޅުއްވި ބިލް އަނބުރާ ނެންގެވުމަށް އެދި 101 އިލްމުވެރިއެއްގެ ސޮޔާއެކު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްއަށް ޕެޓިޝަނެއް ހުށައަޅައިިފިއެވެ.

އެ ޕެޓިޝަންގައި ވަނީ، ޤާނޫނުލް އުގޫބާތުގެ 124 ވަނަ މާއްދާއަށް އިތުރު އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރައިތަކާއި ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާއްމުން ހޭލުންތެރި ކުރުމަށް ދީނީ އިލްމުވެރިންނާއި އެނޫން އާއްމު ރައްޔިތުންނަށް ހުރަސް އެޅި ބަންދުވެގެން ދާނެ ކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެގޮތުން ސެކިއުލަރ ޙަރަކާތްތައް މި ޤައުމުގައި ވަރުގަދަ ކުރުމަށް މިވީހާތަނަށް ބައިނަލްއަޤުވާމީ ޖަމާޢަތްތަކާ ގުޅިގެން އެކި ޖަމާޢަތްތަކުން ހިންގާ ޖަރީމާތަކާ ގުޅިގެން ދިވެހި ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް، އެކި ބަހަނާތަކުގެ ތެރޭގައި ހައްޔަރުވެ ކުރިއަށް ނުގޮސް އޮންނަކަމީ ޙަޤީޤަތްކަން ދިވެހި މުޖުތަމަޢުގެ ކޮންމެ ފަރުދަކަށް ވެސް މިހާރު ފެންނަން އެބައޮތް ކަމަށް އެ ޕެޓިޝަނުގައި ބުނެފައިވެއެވެ.

މީގެ އިތުރުނ އެފަދަ ޙާލަތުގައިވެސް ދީނާ ދެކޮޅު ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް ޢިލްމުވެރިންނާއި ދީނަށް ޣީރަތްތެރިކަން ހުންނަ ޢާންމުންގެ ފަރާތުން ބުނާ ބަހަކާ ގުޅިގެން، ދީނުގެ ދިފާޢުގައި ތެދުވާ މީހުންނަށް ދަޢުވާ އުފުލޭނެ ގޮތަށް އޮތުމަކީ ލޮބުވެތި މިވަޠަނުގެ ދީނާއި ޤައުމިއްޔަތާ ޚިލާފު ކަމެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މި ބިލުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް ދެވުނު ނަމަވެސް، ދައުލަތުގެ ބާރުތައް އެހެން ބައެއްގެ އަތަށް ފުރޮޅިގެންދާ ހިނދެއްގައި އެކަން އެހެން ނުހިނގާނެ ކަމުގެ ޔަގީންކަން ޚުދު ރައީސަށް ވެސް ދެއްވެން ނޯންނެތީ، އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމަށް މަގެއް ތަނަވަސްކޮށް ނުދެއްވުމަށް އެ ޖަމްއިއްޔާއިން އިލްތިމާސް ކޮށްފައި ވެއެވެ.

އެހެންކަމުން ދިވެހި އިސްލާމީ އުންމަތުގެ ވަލިއްޔުލްއަމްރުގެ ގޮތުގައި މިހާރު ހުންނެވި ފަރާތުގެ ހައިސިއްޔަތުން، މިހާރު ހިނގާ މިފަދަ އެންމެހައި ކަންކަމުގެ ދާއިމީ ގެއްލުމާއި ނުރައްކާ ކުރިމަތިވެ ވަޑައިގަންނަވާނެ ފަރާތަކީ މަނިކުފާނާއި މަނިކުފާނުގެ ރައްޔިތުން ކަމަށްވާތީ، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް 124ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލު އަނބުރާ ނަންގަވައި ދެއްވުމަށް އިލްތިމާސްކޮށްފައިވެއެވެ.


Advertisement

ކޮމެންޓް