ޝާފިއުގެ ދަރިން ރާއްޖެއަށް ގެންދަން އޭނާ ފުރަތަމަ ދެކޮޅުހެދި: އެޗްއާރްސީއެމް

18 Jun 2021 | 19:47

އަފްޣާނިސްތާނުގައި 21 އަހަރަށް ޖަލަށްލާފައިވާ އަލީ ޝާފިއުގެ ހަތަރު ދަރިން، ރާއްޖެއަށް އަނބުރާ ގެންދަން އޭނާ އަދި އޭނާގެ އަންހެނުން އެންމެ ފުރަތަމަ ދެކޮޅުހެދިކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެކޮމިޝަނުން ނެރުނު ނޫސްބަޔާނެއްފައި ބުނެފައިވަނީ ޝާފިއު އާއި އޭނާގެ އަންހެނުން އަދި ހަތަރު ދަރިންނާ ބެހޭ ގޮތުން މީޑިއާގައި ދައުރުވާ މައްސަލަ އެ ކޮމިޝަނަށް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ޝާފިއުގެ އާއިލާގެ ފަރާތުން ހުށަހަޅާފައިވާ ކަމަށާއި، ޝާފިއުގެ ހަތަރު ދަރިން ރައްކާތެރި މާހައުލަކަށް ގެންދިއުމަށް އެ ޤައުމުގެ އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނުގައި އެދިފައިވާ ކަމަށވެ.

މިމައްސަލައާއި ގުޅިގެން ކޮމިޝަނުގެ އެދުމުގެ މަތިން އަފްޣާނިސްތާނު އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނުން އެ އާއިލާއަށް ޒިޔާރަތްކޮށް ހާލަތު ބެލުމަށްފަހު، ފާހަގަވި ކަންކަން ކޮމިޝަނާ ޙިއްސާކޮށްފައިވާ ކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދި މި މައްސަލާގައި ހިމެނޭ ހަތަރު ކުދިން ރައްކާތެރި މާހައުލަކަށް ގެންދިއުމަށް ކޮމިޝަނުގެ އެދުމުގެ މަތިން އެ މުއައްސަސާ އިން މަސައްކަތް ކޮށްފައިވާ ކަމަށާއި، އެ ހަތަރު ކުދިން ރާއްޖެ ގެނެވެންވެސް އޮތް ކަމަށާއި ނަމަވެސް ކުދިން ނުގެނެވުނީ ބެލެނިވެރިން އެކަމާ ދެކޮޅު ހެދުމުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން އެ ކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

ނަމަވެސް ކޮވިޑްގެ ސަބަބުންނާއި އެހެނިހެން މައްސަލަތަކާ ހެދި އެ ކުދިން ރާއްޖެ ގެނައުމުގައި ގޮންޖެހުންތައް ހުރި ކަމަށް ކަމާ ބެހޭ މުއައްސަސާތަކުން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށާއި، މި މައްސަލައިގައި ހިމެނޭ ހަތަރު ކުދިން ރައްކާތެރި މާހައުލަކަށް ގެންދިއުމަށް ކޮމިޝަނުގެ އެދުމުގެ މަތިން އެ މުއައްސަސާއިން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ކުދިން ބަހަލައްޓާ މަރުކަޒުތަކުން މިކުދިން އެ މަރުކަޒުތަކަށް ނެގުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް