Advertisement

އާއިލީ މަސްލަހަތު އޮތްކަމަށްބުނެ، މައްސަލައެއް ބަލަމުންދާ ބެންޗުން ފަނޑިޔާރު ފައިސަލް ވަކިކޮށްދޭން އެދިއްޖެ

18 Jun 2021 | 19:43

ހައިކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފު މައްސަލައެއްގެ ބެންޗުގައި އިންނަވާ އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ފައިސަލަކީ، މައްސަލައިގައި ހިމެނޭ ފަރާތަކާއި އާއިލީ ގުޅުންތަކެއް އޮތް ފަރާތެއްކަމަށްބުނެ އެ މައްސަލައިގެ ބެންޗުން އެބޭފުޅާ ވަކިކޮށްދޭން އެދިއްޖެއެވެ.

މިހެން އެދިފައިވަނީ ސޭވް ދަ ޑްރީމް ވ.ހުސައިން ޝިހާމް އިސްތިއުނާފް މައްސަލައިގައި، ސޭވް ދަ ޑްރީމް ކުންފުނީގެ ފަރާތުން ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އަލްއުސްތާޛު ނާޒިމް އަބްދުއްސައްތާރެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ހާތިފް ހިލްމީއަށް އެޑްރެސްކޮށް ނާޒިމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ފަނޑިޔާރު މުހައްމަދު ފައިސަލަކީ މި މައްސަލައިގައި އިސްތިޢުނާފު ރައްދުވާ ޙުސައިން ޝިހާމް ޢަލީ އަދި ވަގުތީ އަމުރު ރައްދުވާ މާހަލް ޓްއާސްގެ ޑިރެކްޓަރު މުޙައްމަދު ޝިހާމްގެ މަންމައާއި ފައިސަލް، ދެބޭންގެ ދެދަރިޔަށްވުރެ އެއްދަރިކޮޅު ދުރުކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި ފަނޑިޔާރު ފައިސަލްގެ ބޮޑުދައިތައެއް، ހުސައިން ޝިހާމްގެ މަންމަގެ ބޭބެއާ އިނދެގެން އުޅުނުކަމަށާއި، މި ބުނާ ދެމަފިރިންގެ ދަރިންވެސް އެބަ ތިބިކަމަށްވެސް ވަނީ ބުނެފައެވެ.

މި ސިޓީގައި ބުނީ ހުސައިން ޝިހާމްގެ މަންމަ ނަފީސާ އަހުމަދު ހެއްކެއްގެ ގޮތުގައި ސޮއިކުރި މާހަލް ޓްއާސްގެ ލިޔުމެއްގެ މައްސަލަ ސިވިލް ކޯޓުން މިހާރުވެސް ބަލަމުންދާ ކަމަށެވެ. ނަފީސާ އަޙްމަދާއި މާހަލް ޓްއާސްގެ މަޞްލަޙަތާ ގުޅޭތީއާއި، މި ހިނގާ މައްސަލައާ މާހަލް ޓްއާސްއާ ގުޅޭތީއާއި، މި ދެ ކަންތަކާ ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ފައިޞަލްއާ ގުޅޭތީ، މި މައްސަލައިގެ ބެންޗުން ފައިސަލް އެއްކިބާކުރަން ޖެހޭކަމަށް ފެންނަކަމަށް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް މި މައްސަލައިގެ ބެންޗުން ފަނޑިޔާރު ފައިސަލް ވަކިނުކުރެވޭނެކަމަށް ހައިކޯޓުން ވަނީ އަންގާފައެވެ. އެގޮތުން އެފަދަ އިޖްރާއަތެއް ނެގެހެއްޓުމުގެ ހާލަތެއް ނެތްކަމަށް ހައިކޯޓުން ސިޓީއެއް މެދުވެރިކޮށް ވަނީ އަންގާފައެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް