Advertisement

ޔޫރޯ 2020: ސްލޮވާކިޔާ ބަލިކޮށް ސްވިޑަންއަށް ބޮޑު އުއްމީދެއް

18 Jun 2021 | 21:55

މެޗުގެ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީގައި ސްލޮވާކިޔާ ބަލިކޮށް ދެވަނަބުރުގެ އުއްމީދު ސްވިޑަން އިން ބޮޑުކޮށްފިއެވެ.

މި ނަތީޖާއާއެކު ސްވިޑަން އޮތީ ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އެވެ. އެއީ ފުރަތަމަ މެޗުގައި ސްޕެއިން އާއި އެއްވަރުކޮށްގެން ލިބުނު ޕޮއިންޓާއި މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެވެ.

ދެވަނައިގައި އޮތީ ސްލޮވާކިޔާ އެވެ. މި މެޗުން މޮޅުވެގެން ސްލޮވާކިޔާ އަށް މުބާރާތުގެ ދެވަނަބުރުގެ ޖާގައެއް ޔަގީންކުރެވެން އޮތެވެ. އެއް ޕޮއިންޓާއެކު ސްޕެއިން ތިންވަނައިގައި އޮތްއިރު ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި ޕޮލޭންޑެވެ.  މި ގްރޫޕްގައި މާދަމާ ރޭ ޕޮލެންޑާއި ދެކޮޅަށް ސްޕެއިން ނިކުންނާނެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. މި ހާފުގައި ގޯލާއި އަމާޒުކޮށް އެއްވެސް ހަމަލައެއް ފޮނުވައެއް ނުލެވެއެވެ.

މެޗުގެ 75 ވަނަ މިނެޓްގައި ސްވިޑެން އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްފައިވަނީ އެމިލް ފޯސްބާގް އެވެ. މި ލަނޑަށްފަހު ވެސް ލީޑު ފުޅާކޮށްލަން ސްވިޑަން އަށް ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ.

ގްރޫޕްގެ ފަހު މެޗުގައި ސްވިޑަން ނިކުންނާނީ ޕޮލެންޑާއި ދެކޮޅަށެވެ. އަދި ސްލޮވާކިޔާ ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.

Advertisement

ކޮމެންޓް