Advertisement

އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި ރާއްޖޭގެ ވިސްނުން "ވެކްސިން އިކުއިޓީ" ކުރިއެރުވުމަށް!

21 Jun 2021 | 14:38

އދ.ގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރިޔާސަތުގައި، ދުނިޔޭގެ އެންމެންނަށް ކޮވިޑް ވެކްސިން ލިބޭނެމަގު ތަނަވަސްކޮށްދޭން ދިވެހިރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކުރައްވާނެކަމަށް އެ ސެޝަންގެ އިންތިޚާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމެރިކާގެ ނިޔުޔޯކްގައި ހުންނަވަނިކޮށް "ވޮއިސް"އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގެ ތެރެއިންނެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ އާއްމު މަޖިލީހުގެ 76 ސެޝަނުން މީގެ ކުރީގެ ސެޝަންތަކާއި އަޅާބަލާއިރު ތަފާތުކޮށް ކުރާނެ އެންމެ މުހިންމު ކަމަކީ ވެކްސިން އިކުއިޓީ ނުވަތަ މުޅި ދުނިޔޭގެ އެންމެންނަށް ވެކްސިން ފޯރުކޮށްދޭން ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެކަމުގެ މަސައްކަތްތައް މިހާރުވެސް ރިޔާސަތުގެ އިންތިގާލީ އޮފީހުގައި ކުރެވެމުންދާ ކަމަށާއި، އެ މަސައްކަތްތަކުގެ ތަފްސީލްތައް ލަހެއް ނުވެ ހާމަކުރުމަށް ކަމާބެހޭ މާހިރުންނާއި ބައްދަލުކޮށް މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ "ވެކްސިން އިކުއިޓީ"އަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުންކަމަށްވާ "ވެކްސިން ނޭޝަނަލިޒަމް" ނުވަތަ ބޮޑެތި ގައުމުތަކުން ވެކްސިންތައް ބޮޑެތި އަދަދުތަކުން އަވަހަށް ގަތުމާއި އެހެން ފަރާތްތަކަށް ފޯރުނުކޮށްދޭ މައްސަލައާއި ދެކޮޅަށް އާއްމު މަޖިލީހުން ސީދާ ކުރާނެ ކަންކަމުގެ ވާހަކަތައް މި ނޫހާއި ހިއްސާކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ އާއްމު މަޖިލީހުގެ ރިޔާސަތުގެ މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އެންމެ ބޮޑު މަސައްކަތަކަށް ވާނީ ދައުލަތްތައް އެކުވެރިކޮށް، އެންމެ އެކުގައި ކޮވިޑާއި ކުރިމަތިލުންކަމަށެވެ. އަދި އެކަކުވެސް ސަލާމަތްވާނީ ހުރިހާ އެންމެން އެކުގައި މަސައްކަތްކޮށް ސަލާމަތްވެގެންކަން މިހާރު ހުރިހާ ގައުމުތަކަށްވެސް ސާފުކޮށް އެނގޭކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.

"ނޯ ވަން އިޒް ސޭފް އަންޓިލް އެވްރީވަން އިޒް ސޭފް. އެއީ އަޅުގަނޑުމެންގެ ޝިޢާރަކީ. އެހެންވީމަ އެ ޝިޢާރާއި އެއްގޮތަށް މަސައްކަތްކުރުމަށް އަޅުގަނޑުމެންގެ އެންމެ ބޮޑު މަސައްކަތަކަށް، އެންމެ ބޮޑު އިސްކަމެއް ދެމުންގެންދާނީ ދައުލަތްތައް އެކުވެރިކޮށް އެއްބަޔަކު އަނެއްބަޔަކަށް ގުޅިގެން އަޅުގަނޑުމެންގެ ތެރެއިން މި ވަބާ ފޮހެލުމަށް މަސައްކަތްކުރުން"، އެމަނިކުފާނު ވިދާޅުވިއެވެ.

ވެކްސިން ނޭޝަނަލިޒަމް ހިނގާގޮތަކީ، ދުނިޔޭގެ ބާރުހުރި ގައުމުތަކުން އެހެން ކުދި ގައުމުތަކުގެ ހާލަތަށް ބެލުމަށް ނެތި، ގިނަ އަދަދެއްގެ ވެކްސިނަށް ފައިސާ ދެނީއެވެ. ނަތީޖާއެއްގެ ގޮތުން ވެކްސިނެއް ކާމިޔާބުކަމަށް ދައްކައިފިނަމަ، އެ ވެކްސިން އުފައްދާ ކުންފުނިތަކުންވެސް ފުރަތަމަ ވެކްސިން ދޭނީ ފައިސާ ދެއްކި އެ ބޮޑު ގައުމުތަކަށެވެ. މީގެ ސަބަބުން ފައިސާ ނެތް ކުދި ގައުމުތަކުގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު ކޮވިޑް ވެކްސިން ލިބުމުގެ ހައްގުން މަހުރޫމްވެގެންދެއެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުން "އަމިއްލަ މަންފާއަށް"ޓަކައި ވެކްސިން ނޭޝަނަލިޒަމްގެ މަގު އިޚްތިޔާރުކުރުމުން ކުދި ގައުމުތަކުން ވެކްސިން ހޯދަން އޮންނަނީ މައިގަނޑު ތިން ގޮތެކެވެ. 

އެއީ ކިތަންމެ ބޮޑު އަގެއް ދީގެން ނަމަވެސް އެންމެ ރައްކާތެރި އަދި ފަސޭހައިން ހޯދައި ޖެހޭނެ ވެކްސިނެއް ގަތުން، ދޭދޭ ރަހުމަތްތެރި އަދި އަވައްޓެރި ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ވެކްސިންތައް ހޯދުން ނުވަތަ ނުވަތަ ކޮވެކްސް ފަދަ ބައިނަލްއަގްވާމީ މިންގަނޑެއްގެ ތެރެއިން ވެކްސިން ހޯދުމެކެވެ.

Advertisement

ކޮމެންޓް