ރައީސް ޞާލިހުގެ ޝުކުރު ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ ވޮލަންޓިޔަރުންނަށް!

19 Jun 2021 | 14:16

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ވޮލަންޓިޔަރުންގެ ގޮތުގައި ހަރަކާތްތެރިވެ، ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރިއަށްގެންދިޔަ މަސައްކަތަށް އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ޝުކުރުއަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބަލިމަޑުކަމުގެ އިންތިހާއަށް ދަތި ދަނޑިވަޅެއްގައި ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ވޮލަންޓިޔަރކުރި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާކަމަށެވެ.އަދި ކުރިއަށް އޮތް އުޖާލާ ދުވަސްތަކަށް ބަލާލާއިރު، މުޅި ގައުމުން އެ ވޮލަންޓިޔަރުންނަށް ޝުކުރު ދަރާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ މެއި މަހުގެ ތެރޭގައި މާލޭގެ ކޮވިޑް-19ގެ ހާލަތު ގޯސްވިއިރު، ބައެއް ނަރުސްކަން ކިޔަވާ ކުދިންނާއި އާއްމުންގެ ތެރެއިން މީހުން ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ވޮލަންޓިޔަރކޮށްފައެވެ. މި ފަރާތްތަކުން ކުރި މަސައްކަތްތަކުގެ ތެރޭގައި ބަލިމީހުން ފެންވެރުވުމާއި ސާފުކޮށްދިނުން، އެމީހުންނަށް ސައިކޮ-ސޯޝަލް ސަޕޯޓް ފޯރުކޮށްްދިނުން އަދި އެމީހުންގެ އާއިލާަތަކަށް ގުޅުމުގައި އެހީތެެރިވެދިނުން ހިމެނެއެވެ.

މި ވޮލަންޓިޔަރުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ހިމެނިވަޑައިގަންނަވައެވެ. އެގޮތުން ޗީފް ގައިޑްގެ ހައިސިއްޔަތުން އެކަމަނާ ވަނީ މަސް ދުވަސް ވަންދެން އެ ފެސިލިޓީގައި ވޮލަންޓިޔަރކުރައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement