ބިލުގެ ސަބަބުން ލާދީނީއޭ ގޮވުން އިތުރު ވެދާނެތީ ކަންބޮޑުވޭ: އާދަމް ޝަރީފް

19 Jun 2021 | 15:03

ނަފުރަތުގެ އަމަލު ހުއްޓުވުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން ލާދީނީއޭ ގޮވުން އިތުރު ވެދާނެތީ ކަންބޮޑުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ބިލް މަޖިލީހަށް ބަލައިގަންނަން ވޯޓަށް އަހާފައިވަނީ މަޖިލީހުގެ މެންބަރުންނަށް ކުރިން އެންގުމަކާ ނުލާ އަވަސް އަރުވާލައިގެން ކަމަށެވެ. އެހެންވުމާއިއެކު ގިނަ މެންބަރުންނަށް ވޯޓު ނުލެވުނު ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، އެ ބިލުގެ ސަބަބުން ރުޅިވެރިކަން އިތުރުވެ، ނަފުރަތު ކުރާ މީހުން ގިނަވެ އަދި "ލާދީނީ" ގޮވުން އިތުރު ވެދާނެތީ ކަންބޮޑުވެލައްވާ ކަމަށެވެ.

މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުށައެޅުއްވި މި އިސްލާހަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މަޖިލީހުގެ ޖަލްސާގައި މި އިސްލާހު ވަނީ ވޯޓުގައި ބައިވެރިވި 38 މެމްބަރުންގެ ވޯޓާއެކު ބަލައިގެންފައެވެ. މި އިސްލާހު ބަލައިގަތުމާ ދެކޮޅަށް 17 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. އަދި މި އިސްލާހު ދިރާސާ ކުރުމަށް ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް