ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ މައުލޫމާތު ޑިފެންސް މިނިސްޓްރީން ހިއްސާނުކުރޭ: އެޗްއާރްސީއެމް

19 Jun 2021 | 15:01

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ކުރިއަށްގެންދާ ތަހުގީގަށް މައުލޫމާތު ހިއްސާނުކުރާ ކަމާބެހޭ މުއައްސަސާއަކީ ހަމައެކަނި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީންކަމަށް، އެ ކޮމިޝަނުން ބުނެފިއެވެ.

އެޗްެއާރްސީއެމްއިން މިހެން ބުނެފައިވަނީ، ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެޗްއާރްސީއެމްއިން މަސައްކަތެއް ނުކުރާކަމަށްބުނެ އެމްޑީޕީގެ 6މެއި ކޮމެޓީގެ ޗެއަރ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެމްޑީޕީގެ ގައުމީ މަޖިލީހުގެ 175ވަނަ ބައްދަލުވުމުގައި ވިދާޅުވުމުން، އެކަމަށް ރައްދުދީ ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ ކޮމިޝަނުން ބުނީ ރައީސް ނަޝީދަށް ހަމަލާދެވުނު ރޭގެ ވަގުތެއްގައި ކޮމިޝަންގެ މެންބަރެއް ހިމެނޭގޮތަށް ޚާއްސަ ޓީމެއް އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކޮށް، އެރޭ 23:30 ވަންދެން ހޮސްޕިޓަލުގައި ކަންތައްތައް ހިނގިގޮތް ބަލަމުންދިޔަ ކަމަށެވެ. އަދި އެރޭ ހަމަލާ ކުށްވެރިކޮށް އެމަނިކުފާނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި އެރޭ ޓްވީޓްކުރި ކަމަށާއި، 7 މެއިގައި ކޮމިޝަންގެ ޓްވިޓަރ އެކައުންޓްގައި ބަޔާނެއް އާންމުކުރިކަމަށްވެސް އެޗްއާރްސީއެމްެއިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެ ހަމަލާއާއި ގުޅިގެން މުއައްސަސާތަކުން އަމަލުކުރަމުންދާގޮތް ގާތުން މޮނީޓަރކުރަމުންދާކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެޗްއާރްސީއެމްއިން ބުނީ މި މައްސަލައާއި ގުޅުންހުރި ކަންތައްތައް ބަލަމުންދާ ކަމަށާއި، ދައުލަތުގެ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތާއި ކުރަމުންދާ ގޮތްތައް ބަލައި، ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ކަމާބެހޭ އެކި މުއަައްސަސާތަކަށް ލިޔުމުން ހުށައަޅާފައިވާނެކަމަށެވެ. ނަމަވެސް، އެ މުއައްސަސާތަކުގެ ތެރެއިން މިހާތަނަށް ޖަވާބެއް ލިބިފައި ނުވަނީ ހަމައެކަނި ޑިފެންސް މިނިސްޓްރީންކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ފުލުހުން މިހާތަނަށް ވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ. އެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ރައީސް ނަޝީދު ވަނީ އޭޑީކޭ ހޮސްޕިޓަލްގެ އިތުރުން ޖަރުމަނުވިލާތުންވެސް ފަރުވާ ހޯއްދަވާފައެވެ.

ފޮޓޯ: އަދަދު

Advertisement

ކޮމެންޓް

Advertisement