ހޯމްސްޓޭ ޓޫރިޒަމުން ރައްޔިތުންނަށް ފައިދާ ލިބޭނެ :މިނިސްޓަރ މައުސޫމް

19 Jun 2021 | 16:49

ހޯމްސްޓޭ ޓޫރިޒަމުން ރައްޔިތުންނަށް ފައިދާ ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ " މުސްލިމުންގިނަ، އާދަކާދަފިސާރި މެލޭސިއާފަދަ ގައުމުތަކުގައިވެސް "ހޯމްސްޓޭ" ފަތުރުވެރިކަން ކާމިޔާބު" ކަމަށެވެ.

މީގެ އިތުރުން ހޯމްސްޓޭ ޓޫރިޒަމުން ރިސޯޓުތަކަށް، ހޮޓެލް ގެސްޓްހައުސްތަކަށް އަދި ސަފާރީތަކަށާއި ރައްޔިތުންނަށް ވެސް ފައިދާލިބޭނެކަމަށް ޑރ. މައުސޫމް ގެ ޓްވީޓްގައި ފާހަގަކޮށްފައިވެއެވެ.

ހޯމްސްޓޭ ޓޫރިޒަމަށް މުހިންމީ ހަރުދަނާ ތަންފީޒުކުރެވޭ ގަވާއިދުތަކާއެކީގަ ކަންކުރުން ކަމަށްވެސް މިނިސްޓަރ މައުސޫމް ވިދާޅުވެފައިވެއެވެ.

މިނިސްޓަރ މައުސޫމް މިފަދައިން ޓްވީޓު ކުރައްވާފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ގެސްޓުހައުސް ވިޔަފާރިތަކަށް ބޮޑު ހީނަރުކަމެއް އައިސްފައިމިވާ މި ދަނޑިވަޅަކީ ހޯމްސްޓޭ ޓުއަރިޒަމް ތައާރަފް ކުރަން އެންމެ އެދެވޭ ވަގުތު ކަމާއި މެދު ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ވަނީ ސުވާލު އުފައްދާފައެވެ.

އެހެން ނަމަވެސް ޓްއަރިޒަމް މިނިސްޓްރީއިން އަންނަނީ ހޯމްސްޓޭ ޓޫރިޒަމަކީ ފައިދާ ކުރަނިވި ކަމެއްކަމަށް ވިދާޅުވަމުންނެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ރައްޒާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހޯމްސްޓޭއަށް ހުއްދަ ދެވޭނީ ހަރުދަނާ ރެގިއުލޭޓްރީ ފްރޭމްވޯކްއެއް އެކުލަވާލުމަށްފަހު ކަމަށެވެ. އަދި ސީދާ ކައުންސިލްތަކުން ރެގިއުލޭޓްކޮށް، ސަލަމަތާ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ކަންބޮޑުވުމާ އެއްވަރަށް، ހޯމްސްޓޭ ލަސްވާތީ ރަށްފުށު ރައްޔިތުން ކަންބޮޑުވާ ކަމަށް އޭނާގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

ހޯމްސްޓޭ ޓޫރިޒަމާއި ގުޅިގެން ގޭމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޯމްސްޓޭ ޓޫރިޒަމަކީ ދުނިޔޭގައި ފުޅާވަމުން އަންނަ ޓޫރިޒަމެއް ކަމަށާއި މި ޓޫރިޒަމް ރާއްޖެއަށް ތައާރަފް ކުރުމަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފުޅާވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެހެންނަމަވެސް ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް މިވަގުތު ކުރިމަތިވެފައިވާ ބޮޑެތި މާލީ މައްސަލަތަކުގެ ސަބަބުން، ހޯމް ސްޓޭ ތައާރަފު ކުރުން މި ވަގުތު އެންމެ ރަނގަޅުތޯ އެ އެސޯސިއޭޝަނުން ވަނީ ސުވާލު އުފައްދާފައެވެ.

ހޯމްސްޓޭ އަކީ މީހުން ދިރިއުޅޭ ގެއެއްގައި ޓޫރިސްޓަކު އަގުދީގެން ހުންނަ ހުރުމެވެ. އަދި އެ ހުންނަ ހުރުމުގައި ގޭތެރޭގެ ވަސީލަތްތަކާއި ގޯތިތެރޭގެ ވަސީލަތްތައް ވެސް އެ ގެއެއްގެ ދިރިއުޅޭ މީހުންނާ އެކު ފަތުރުވެރިޔާއަށް ވެސް ހިއްސާކޮށް އުޅޭ އުޅުމެވެ. 

Advertisement

ކޮމެންޓް