މިއީ ހޯމްސްޓޭ ތައާރަފްކުރަން އެންމެ އެދެވޭ ވަގުތާމެދު ގެސްޓްހައުސް އެސޯސިއޭޝަނުން ސުވާލު އުފައްދައިފި

19 Jun 2021 | 17:45

ކޮވިޑް-19 އާ ގުޅިގެން ގެސްޓުހައުސް ވިޔަފާރިތަކަށް ބޮޑު ހީނަރުކަމެއް އައިސްފައިމިވާ މި ދަނޑިވަޅަކީ ހޯމްސްޓޭ ޓުއަރިޒަމް ތައާރަފް ކުރަން އެންމެ އެދެވޭ ވަގުތު ކަމާއި މެދު ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ވަނީ ސުވާލު އުފައްދައިފިއެވެ.

ގޭމްއިން މިފަދައިން ސުވާލު އުފައްދާފައިމިވަނީ ހޯމް ސްޓޭއިން ރައްޔިތުންނަށް ފައިދާ ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވެ ކުރެއްވި ޓުވިޓަކާއި ގުޅިގެން އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައެވެ.

ޓޫރިޒަމް މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މުސްލިމުންގިނަ، އާދަކާދަފިސާރި މެލޭސިއާފަދަ ގައުމުތަކުގައިވެސް "ހޯމްސްޓޭ" ފަތުރުވެރިކަން ކާމިޔާބު" ކަމަށެވެ.

މީގެ އިތުރުން ހޯމްސްޓޭ ޓޫރިޒަމުން ރިސޯޓުތަކަށް، ހޮޓެލް ގެސްޓްހައުސްތަކަށް އަދި ސަފާރީތަކަށާއި ރައްޔިތުންނަށް ވެސް ފައިދާލިބޭނެކަމަށް ޑރ. މައުސޫމް ގެ ޓްވީޓްގައި ފާހަގަކޮށްފައިވެއެވެ.

ހޯމްސްޓޭ ޓޫރިޒަމާއި ގުޅިގެން ގޭމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޯމްސްޓޭ ޓޫރިޒަމަކީ ދުނިޔޭގައި ފުޅާވަމުން އަންނަ ޓޫރިޒަމެއް ކަމަށާއި މި ޓޫރިޒަމް ރާއްޖެއަށް ތައާރަފް ކުރުމަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފުޅާވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެހެންނަމަވެސް ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް މިވަގުތު ކުރިމަތިވެފައިވާ ބޮޑެތި މާލީ މައްސަލަތަކުގެ ސަބަބުން، ހޯމް ސްޓޭ ތައާރަފު ކުރުން މި ވަގުތު އެންމެ ރަނގަޅުތޯ އެ އެސޯސިއޭޝަނުން ވަނީ ސުވާލު އުފައްދާފައެވެ.

ރާއްޖެއަކީ އެއް ގެއްގައި ގިނަ ގޭބިސީތަކެއް ދިރިއުޅެމުން ގެންދާ ގައުމެއް ކަމަށްވާއިރު، ހޯމްސްޓޭގެ ސަބަބުން ދިމާވެދާނެ އިޖުތިމާއީ މައްސަލަތަކުގެ އިތުރުން ރާއްޖެ މިހާރު މިއޮތް ހާލަތުގައި ޓޫރިސްޓުންނާއި ގޭބިސީތަކުގައި ދިރިއުޅޭ އާއިލާތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ މެދު އެ ޖަމިއްޔާ އިން ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ހޯމްސްޓޭ އަކީ މީހުން ދިރިއުޅޭ ގެއެއްގައި ޓޫރިސްޓަކު އަގުދީގެން ހުންނަ ހުރުމެވެ. އަދި އެ ހުންނަ ހުރުމުގައި ގޭތެރޭގެ ވަސީލަތްތަކާއި ގޯތިތެރޭގެ ވަސީލަތްތައް ވެސް އެ ގެއެއްގެ ދިރިއުޅޭ މީހުންނާ އެކު ފަތުރުވެރިޔާއަށް ވެސް ހިއްސާކޮށް އުޅޭ އުޅުމެވެ. 

Advertisement

ކޮމެންޓް