ޔޫރޯ 2020: ހަންގޭރީ އިން ދުނިޔޭގެ ޗެމްޕިއަނުންނާއި އެއްވަރުކޮށްފި

19 Jun 2021 | 20:22

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އާއި ހަންގޭރީން 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފިއެވެ.

ހަންގޭރީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި ފްރާންސް އިން ބޮޑުބައި ހިފަހައްޓައިގެން ކުޅުނު ނަމަވެސް ހަންގޭރީގެ ޑިފެންސްލައިނުން ފެނުނީ އެއަށްވުރެ ހުށިޔާރުކޮށެވެ.

ފުރަތަމަ ހާފްގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރުވަގުތުގެ ތެރޭގައި އުފެއްދި ހަމަލާއަކުން ހަންގޭރީން ވަނީ މިމެޗުގައި ލީޑު ނަގާފައެވެ. ކައުންޓަރ އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ކާމިިޔާބުކޮށްދިނީ ފިޔޯލާ އެވެ.ފުރަތަމަ ހާފު ނިމުނީ ހަންގޭރީ ލީޑުގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ޑެމްބެލޭ އެރުމާއެކު ފްރާންސްގެ ހަމަލާތައް އިތުރަށް ވަރުގަދަކުރި އެވެ. އެމްބާޕޭ ދިން ޕާހަކުން މެޗުގެ 66 ވަނަ މިނެޓްގައި އެންޓުއާން ގްރިޒްމަން ވަނީ ފްރާންސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ގޯލަށްފަހު ލީޑު ނަގަން ފްރާންސް އިން ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ހާއްސަކޮށް ފްރާންސްގެ ތަރިން ކަމަށްވާ ގްރިޒްމަން އާއި ބެންޒެމާ އަދި އެމްބާޕޭ ގުޅިގެން ނުރައްކާތެރި ހަމަލާތަކެއް އުފެއްދޭތޯ ވަރަށް މަސައްކަތްކުރި އެވެ. ނަމަވެސް ހަންގޭރީން ފެނުނީ އެއަށްވުރެ ހުށިޔާރުކޮށެވެ.

މި ގްރޫޕުގައި މިރޭ ބައްދަލުކުރާނީ ޖަރުމަނާއި ޕޯޗުގަލް އެވެ.

Advertisement

ކޮމެންޓް

Advertisement