އެމްޑީޕީން ކުރަންއުޅޭ ކަމަކީ ދީނާ އެއްގޮތަށް ނޫޅޭ މީހުންގެ ވާހަކަ ދެއްކުން ކުށަކަށް ހެދުން: ހައިލަމް

19 Jun 2021 | 21:14

އެމްޑީޕީން ކުރައްވަން އުޅުއްވާ ކަމަކީ ދީނާ އެއްގޮތަށް ނޫޅޭ މީހުންގެ ވާހަކަ ދެއްކުން ކުށަކަށް ހެދުން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވީ ލާދީނީ އޭ ކިޔައިގެން ގޮވަމުންދާ ގޮވުން ނިމުމަކަށް ގެންނަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޕެޓިޝަނެއްގައި ސޮއިކުރަން ގޮވާލެއްވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ހައިލަމްގެ ޓުވީޓުގައި ވަނީ އެމްޑީޕީން ލާދީނީ ގޮވި ދުވަސް ހަނދުމަފުޅު ނެތުނީތޯ ސުވާލު އުފައްދާފައެވެ. ހައިލަމް ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރައްވަނީ ދީނާއި ސިޔާސަތު ވަކިކުރަން ކަމަށެވެ. އަދި އެފަދަ ހައްދުތައް ޤާއިމު ކުރަން ބޭނުންނުވާ ކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.

ނަފުރަތުގެ ބިލާއި ދެކޮޅަށް ގިނަ ބަޔަކު ފާޑު ކިޔަމުން އަންނައިރު، ސަތޭކައަށްވުރެ ގިނަ ދީނީ ޢިލްމުވެރިން ސޮއިކުރައްވައި އެބިލާއި ދެކޮޅަށް ޕެޓިޝަނެއް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާފައެވެ.

ޙިސާން ހުށަހެޅުއްވި ބިލާއި ގުޅިގެން އަދާލަތު ޕާޓީން ބުނީ އެބިލަކީ ޕާޓީއާއި މަޝްވަރާ ކުރުމަށްފަހު ހުށަހެޅި ބިލެއް ނޫން ކަމަށާއި، ދީނާ ގުޅުން ހުރި ކަންކަމުގައި ދީނީ އިލްމުވެރިންނާއި ދީނީ ޖަމިއްޔާތަކުން ބަސް ބުނުމުގެ ފުރުޞަތު ގެއްލިގެންދާ ގޮތަށް އަޅާ ކޮންމެ ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement