Advertisement

ބިލަކާހެދި ދީނީ ބައިބައިވުން އުފެދެން ޖާގަ ދީގެން ނުވާނެ: އަނާރާ

19 Jun 2021 | 21:56

ބިލަކާހެދި ޤައުމުގައި ދީނީ ބައިބައިވުން އުފެދުމަށް ޖާގަ ދީގެން ނުވާނެކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލްއުސްތާޛާ އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

ޤާނޫނުލްއުޤޫބާތަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހާއި ގުޅުވާ ކަންބޮޑުވުން ފާޅު ކުރައްވަމުން އަނާރާ ޓްވިޓާގައި ވިދާޅުވީ، ބިލަކާހެދި ޤައުމުގައި ދީނީ ބައިބައިވުން އުފެދެން ޖާގަ ދެވިގެންނުވާނެކަން ޤަބޫލުކޮށް ސަރުކާރާއި ދައުލަތުން އެކަމާ ވިސްނަންޖެހޭ ކަމަށެވެ.

އަނާރާ ވިދާޅުވީ، އެންމެ އިސްކަން ދޭންވާނީ ފުރަތަމަ ދީނާއި ޤައުމަށް ކަމަށެވެ.

އަނާރާ މިފަދައިން ވިދާޅުވެފައިވަނީ، މި ބިލުގެ މައްސަލާގައި 101 ދީނީ ޢިލްމުވެރިން ސޮއި ކުރައްވާ ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވަނިކޮށެވެ. އަދި ރާއްޖޭގެ ގިނަ ޢަދަދެއްގެ ކައުންސިލްތަކާއި އަމިއްލަ ޖަމުޢިއްޔާތަކުން ވެސް ބަޔާންތައް ނެރެމުންދާ ދަނޑިވަޅެއްގައެވެ.

ނަމަވެސް، މި އިސްލާހު ވަނީ ވޯޓުގައި ބައިވެރިވި 38 މެންބަރެއްގެ ވޯޓާއެކު ބަލައިގެންފައެވެ. މި އިޞްލާޙު ބަލައިގަތުމާ ދެކޮޅަށް 17 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. އަދި މި އިޞްލާޙު ދިރާސާ ކުރުމަށް ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

Advertisement

ކޮމެންޓް