Advertisement

އީރާނުގެ ރައީސަކަށް އެޤައުމުގެ އުއްތަމަ ފަނޑިޔާރު އިބްރާހީމް ރައީސީ

19 Jun 2021 | 21:30

އީރާނުގެ ރައީސްކަމުގެ މަޤާމަށް އެޤައުމުގެ އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި މިވަގުތު ހުންނެވި އިބްރާހީމް ރައީސީ އިންތިޚާބުވެއްޖެއެވެ.

ރައީސީ މި މަޤާމަށް އިންތިޚާބުވެފައިވަނީ އެޤައުމުގެ ރިޔާސީ އިންތިޚާބުގައި ކުރި ހޯއްދަވައިގެންނެވެ. އީރާނުގެ ދާޚިލީ މިނިސްޓްރީން އިޢުލާންކޮށްފައިވާ އިންތިޚާބުގެ ވަގުތީ ނަތީޖާގައި ދައްކާ ގޮތުގައި، އޭނާ ވަނީ މި އިންތިޚާބުގެ 61.95 އިންސައްތަ ކާމިޔާބުކޮށްފައެވެ. ނަމަވެސް މިއީ އީރާނުގެ ރަސްކަން 1979 ވަނަ އަހަރުގައި އިންގިލާބެއްގައި ބަދަލުކޮށްލެވުނު ފަހުން، އެޤައުމުގެ ރިޔާސީ އިންތިޚާބެއްގައި އެންމެ މަދު އަދަދަކަށް މީހުން ވޯޓުލީ ފަހަރެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސީ ވަނީ 2017 ވަނަ އަހަރުގައި އީރާނުގެ މިހާރުގެ ރައީސް ހަސަން ރޫހާނީއާއި ރިޔާސީ އިންތިޚާބުގައި ވާދަކޮށް، ނާކާމިޔާބުވެފައެވެ. އޭގެ ދެ އަހަރު ފަހުން 2019 ވަނަ އަހަރުގައި ރައީސް ރޫހާނީ ވަނީ، އީރާނުގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އިބްރާހީމް ރައީސީ ޢައްޔަން ކުރައްވާފައެވެ.

މިފަހަރުގެ އިންތިޚާބުގައި ރައީސީ ވާދަކުރައްވާފައިވަނީ އީރާނުގެ އިޤުތިޞާދީ ހާލަތް ރަނގަޅުކޮށް، އެޤައުމުގައިވާ ކޮރަޕްޝަންގެ މައްސަލަތައް ނައްތާލާނެކަމުގެ ވަޢުދުގައެވެ. މި އިންތިޚާބު ރައީސީ ކާމިޔާބުކުރާނެކަމަށް މާކުރިން ފެށިގެން އޮތީ ލަފާކުރެވިފައެވެ. އެއީ ރައީސީއަކީ އީރާނުގެ އެންމެ އިސް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީއާއި ގާތް މީހަކަށްވުމުގެ އިތުރުން، އެޤައުމުގެ ކަންތައްތައް ނިންމާ އެންމެ އިސް މަޖިލީހުން އިންތިޚާބުގެ ގިނަ ކެންޑިޑޭޓުންތަކެއް ސަސްޕެންޑްކޮށްފައިވުމެވެ.

އީރާނުގެ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އިބްރާހީމް ރައީސީއަކީ މިހާރުގެ އާޔަތުﷲ ނިޔާވެއްޖެ ހާލަތެއްގައި، އެ މަޤާމާއި ހަވާލުވާން ހުރި ފަރާތެވެ. ރައީސީ ވަނީ އުމުރުން 20 އަހަރުން ފެށިގެން އީރާނުގެ އަދުލު އިންސާފުގެ ނިޒާމުގައި އެކި މަޤާމުތައް އަދާކުރައްވާފައެވެ. ނަމަވެސް އޭނާގެ މައްޗަށްވެސް ވަނީ އިންސާނީ ޙައްޤުތަކަށް އަރައިގަނެ ނުޙައްޤުން މީހުން މެރުމަށް ނިޔާއިއްވިކަމުގެ ތުހުމަތުތަކެއް ކުރެވި، ބައިނަލްއަޤުވާމީމީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅިފައެވެ.

އީރާނުގެ ރައީސްކަމުގެ މަޤާމާއި އިބްރާހީމް ރައީސީ ރަސްމީކޮށް ހަވާލުވެ ވަޑައިގަންނަވާނީ މިއަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ.

Advertisement

ކޮމެންޓް