ހިޔާ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ޖުލައި 14ގައި ފެށުމަށް އަމާޒު ހިފައިފި

20 Jun 2021 | 23:27

އަންނަ ޖުލައިމަހުގެ 14ވަނަ ދުވަހުން ފެށިގެން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފެށުމަށް އަމާޒުހިފާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސުހައިލް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ޔުނިޓްތައް އެޗްޑީސީއާއި ހަވާލުކުރެވެމުންދާ ކަމަށާއި، އެގޮތުން މިހާރު 90 އިންސައްތައަށްވުރެ ގިނަ ތަންތަނާއި ހަވާލުވެވިފައިވާކަމަށެވެ. އަދި އެ ފްލެޓްތަކުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ނުނިމި މައިގަނޑު ގޮތެއްގައި އޮތީ ކަރަންޓްގެ ކަންތައްތައް ކަމަށް ސުހައިލް ވިދާޅުވިއެވެ. އެބޭފުޅާ ވިދާޅުވީ ކަރަންޓުގެ ކަންތައްތައް ލަސްވެފައިވީނަމަވެސް، އެކަމަށް ބޭނުންވާ ހުރިހާ މެޓީރިއަލެއް މިހާރު ރާއްޖެއަށް އައިސްފައިވާކަމަށެވެ.

ސުހައިލް ވިދާޅުވީ ފްލެޓްތަކުގެ ހަރުކުރަންޖެހޭ މީޓަރުތައް ކޮންޓްރެކްޓަރ ހަރުކޮށް، ޓްރާންސްފޯމަރުތައްވެސް ހަރުކުރަމުންދާ ކަމަށެވެ. އެހެންކަމުން ޖުލައިމަހުގެ ނިޔަލަށް ފްލެޓްތަކަށް ކަރަންޓާއި ފެން ލިބި އެތަންތަން ބޭނުންކުރަން ފެށޭނެކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. އަދި ޖުލައި 14 ހިސާބުގައި އެގްރީމެންޓްކޮށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށަން އަމާޒު ހިފާފައިވާކަމަށް ސުހައިލް ވަނީ ހާމަކުރައްވާފައެވެ. ހިޔާ ފްލެޓްތަކުގެ ކަރަންޓުގެ މަސައްކަތްތައް ކުރަނީ ޗައިނާގެ ކުންފުންޏަކުންނެވެ. އަދި ފެނާއި ނަރުދަމާގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ އެމްޑަބްލިޔުއެސްސީއާއި އެވެ.

މީގެ އިތުރުން އެބޭފުޅާ ވަނީ ޖުލައިމަހުގެ ތެރޭގައި އެގްެރީމެންޓްކުރުމުގެ ކަންތައްތައް ނިންމާލެވޭތޯ ބަލަމުންދާކަމަށްވެސް ފާހަގަކުރައްވާފައެވެ.

ހިޔާ ފްލެޓްތައް އިމާރާތްކުރުމުގެ ކަންތައްތައް ނިމިފައިވީނަމަވެސް، އެތަންތަން ހަވާލުކުރުން ލަސްވެފައިވާ މައްސަލައިގައި އާއްމުންގެ ތެރެއިން ގިނަބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. މި ސަރުކާރުން ވަނީ ހިޔާ ފްލެޓްތަކުގެ މަހުކުލީގެ ގޮތުގައި 7500 ރުފިޔާ ނަގަން ނިންމާފައެވެ. މީގެ އިތުރުން މެއިންޓްނެންސް ފީގެ ގޮތުގައި 1000 ރުފިޔާވެސް ނަގާގޮތަށް ވަނީ ހަމަޖައްސާފައެވެ.

ފޮޓޯ: އަވަސް

Advertisement

ކޮމެންޓް