Advertisement

ޔޫރޯ 2020: ޖަރުމަނުން ޗެމްޕިއަން ޕޯޗުގަލް އަތްދަށުކޮށްފި

19 Jun 2021 | 23:24

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް ޖަރުމަނުން ދެވަނަބުރުުގެ އުއްމީދު އާކޮށްފިއެވެ.

ޖަރުމަނުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކުރީ ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކުންނެވެ. މިއީ މި މުބާރާތުގައި ޖަރުމަނުގެ ފުރަތަމަ މޮޅެވެ. ޖަރުމަނުގެ ފުރަތަމަ މެޗުން އެ ޓީމު ވަނީ ފްރާންސް އަތުން ބަލިވެފައެވެ.

މި ނަތީޖާއާއެކު ޖަރުމަނު އޮތީ ތިން ޕޮއިންޓާއެކު އެވެ. ޕޯޗުގަލްވެސް އޮތީ ހަމަ މިއަދަދަށް ޕޮއިންޓު ލިބިގެންނެވެ. އެއްވަނައިގައި 4 ޕޮއިންޓާއެކު އޮތީ ފްރާންސެވެ.

މެޗުގެ 15 ވަނަ މިނެޓުގައި ޕޯޗުގަލް ވަނީ ލީޑުނަގާފައެވެ. މިއީ ބެނާޑޯ ސިލްވާގެ އެހީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެކެވެ. މިއީ މި މުބާރާތުގައި އޭނާގެ ތިންވަނަ ލަނޑެވެ.

ނަމަވެސް ޕޯޗުގަލްއަށް މާ ގިނައިރަކު މި ލީޑުގައި ހިފަހައްޓާ ނުލެވުނެވެ. މެޗުގެ 35 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑަކީ ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާޒްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

މި ލަނޑު ޖެހިތާ ހަތަރު މިނެޓުފަހުން ޖަރުމަނުން ލީޑު ނެގިއެވެ. މިއީވެސް ޕޯޗުގަލް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފުރަތަމަ ހާފު މި ނަތީޖާގައި އޮވެ ނިމުނުއިރު، ޖަރުމަނުން ވަނީ މެޗުގެ 51 ވަނަ މިނެޓުގައި ކައި ހަވާޓްޒްގެ ލަނޑުން ލީޑު ފުޅާކޮށްފައެވެ.

ޕޯޗުގަލް ހަމަޔަކަށް ނޭޅި އުޅެނިކޮށް 59 ވަނަ މިނެޓުގައި ޖަރުމަނުގެ ހަތަރުވަނަ ލަނޑު ވަނީ ޖަހާފައެވެ. މިއީ ގޮސެންސް ކާމިޔާބުކުރި ހިތްގައިމު ބޯޅައެކެވެ. ޕޯޗުގަލް އިން ދެވަނަ ލަނޑު ކާމިިޔާބުކުރީ 66 ވަނަ މިނެޓުގައެވެ. މިއީ ޖޮޓާ ކާމިޔާބުކުރި ލަނޑެކެވެ.

Advertisement

ކޮމެންޓް