ޔޫރޯ 2020: ޕޮލެންޑާއި ސްޕެއިން އެއްވަރުވެ ގްރޫޕުގެ ފޯރި ގަދަަވެއްޖެ

20 Jun 2021 | 03:58

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ޕޮލެންޑާއި ސްޕެއިން ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ގްރޫޕުގެ ފޯރި ގަދަވެއްޖެ އެވެ.

ސްޕެއިން މިހާރު އޮތީ ދެ މެޗުން ލިބުނު ދެ ޕޮއިންޓާ އެކު ގްރޫޕް އީގެ ތިންވަނައިގައެވެ. ޕޮލެންޑް އޮތީ އެއް ޕޮއިންޓާ އެކު ގްރޫޕްގެ ފުލުގައެވެ.

މި ގްރޫޕްގެ އެއްވަނައިގައި ހަތަރު ޕޮއިންޓާ އެކު ސްވިޑެން އޮތްއިރު، ދެވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ސްލޮވާކިޔާއެވެ.މި ގްރޫޕުގެ ހަތަރު ޓީމަށްވެސް ދެވަނަބުރުގެ ފުރުސަތު އަދި އެބައޮތެވެ.

މެޗުގެ 25 ވަނަ މިނެޓްގައި އަލްވަރޯ މޮރާޓާ ވަނީ ސްޕެއިން އަށް ލީޑު ނަގާދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޖެރާޑް މޮރޭނޯ ތަނަވަސްކުރި ބޯޅައަކުން އޭރިއާ ތެރެއަށް ވަދެ ވަރަށް ހުސްކޮށް ހުރެއެވެ. ނަތީޖާ ހަމަހަމަކުރަން ޕޮލޭންޑަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އެ ހަމަލާ އަމާޒުވީ ދަނޑިއަށެވެ.

މެޗުގެ 54 ވަނަ މިނެޓްގައި ލެވެންޑޯސްކީ ވަނީ ޕޮލެންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ލެވެންޑޯސްކީ މި ގޯލު ކާމިޔާބުކުރީ ސްޕެއިންގެ ޕެނަލްޓިއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.

މި ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ ސްޕެއިން އަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް މޮރޭނޯ ފޮނުވާލި އެ ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. ދަނޑީގައި ޖެހިފައި އެ ބޯޅަ މޮރާޓާއަށް ވެސް ލިބުނެވެ. އޭނާ ޖެހި ބޯޅަ ގޯލާއި އަމާޒުނުވެއެވެ.

މެޗުގެ ފަހުކޮޅު ފުލުފުލުން ސްޕެއިންއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ރަނގަޅަށް ނިންމާލެވޭ ފެންވަރުގެ ކުޅުންތެރިއެއް އެ ޓީމުގައި ނެތް ތަން ވަރަށް ބޮޑުތަން ދެއްކިއެވެ.

Advertisement

ކޮމެންޓް

Advertisement