މިޝްކާގެ މަރުގެ މައްސަލައިގައި ކަމާއި ގުޅިންހުރި އިދާރާތަކުގެ އެއްބާރުލުން ނުލިބޭ: އެޗްއާރްސީއެމް

20 Jun 2021 | 14:06

މިޝްކާގެ މަރުގެ މައްސަލައިގައި ކަމާއި ގުޅިންހުރި އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ނުލިބޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ކޮމިޝަނަރ މުއުމިނާ ވަހީދު ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށާއި، ނަމަވެސް މި މައްސަލައިގައި ކަމާ ގުޅުން ހުރި އިދާރާތަކުގެ އެއްބާރުލުން ފުރިހަމަ ގޮތުގައި ނުލިބޭ ކަމަށެވެ.

މުއުމިނާ ވިދާޅުވީ މި މައްސަލައިގައި ހެލްތު މިނިސްޓްރީން ފުރަތަމަ ތައްޔާރުކުރި ރިވިއު ރިޕޯޓު ވެސް ރަސްމީކޮށް ކޮމިޝަނާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި ފަހުން ތައްޔާރު ކުރި ޑީޓެއިލް ރިޕޯޓު ވެސް ލިބިފައި ނުވާ ކަމަށެވެ.

މުއުމިނާ ވިދާޅުވީ، މިޝްކާގެ މަރުގެ މައްސަލައިގައި އައިޖީއެމްއެޗާއި ޢާއިލާގެ ފަރާތުން ލިބުނު މަޢުލޫމާތާއި އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ބައެއް ފުށުއެރުންތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިވަގުތު ވެސް ބުނެލަން ބޭނުންވަނީ އެ ރިޕޯޓު އަޅުގަނޑުމެންނަށް އަވަހަށް ހިއްސާކޮށްދެއްވައިފިއްޔާ އަޅުގަނޑުމެންގެ ތަޙުޤީޤު އަވަސްވެގެންދާނެ. އަޅުގަނޑުމެންގެ ތަޙުޤީޤަށް ފާހަގަވާ މިކަން ދިމާވި މައްސަލައިގައި ދައުލަތުގެ އެއްވެސް އިދާރާއެއްގެ މައްސަލައެއް އޮތްތޯ އަދި އިހުމާލު އޮތީ ކިހިނެއްތޯ ބަލާ ހުށަހެޅުންތަކެއް ދޭނަން." މުއުމިނާ ވިދާޅުވިއެވެ.

މުއުމިނާ އިތުރަށް ވިދާޅުވީ، މިމައްސަލައިގައި ބޭނުންވާ އެންމެ މުހިންމު ރިޕޯޓު ލިބިފައި ނުވާކަމަށާއި ކޮމިޝަނުން ބޭނުންވާ ބައެއް އެހެން މަޢުލޫމާތުތައް ވެސް އައިޖީއެމްއެޗުން ލިބެންޖެހޭކަމަށެވެ.

މިޝްކާގެ މަރުގެ މައްސަލައިގެ ރިޕޯޓު ހޯދުމަށް އެޗްއާރުސީއެމްގެ ފަރާތުން ލިޔުމުން އެދިފައި ވާނެ ކަމަށް މުއުމިނާ ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ހެލްތު މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް ރިޕޯޓުގެ ވާހަކަ ފާހަގަކުރެއްވުމުން، ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް، އެ ރިޕޯޓު ކޮމިޝަނަށް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް ވެސް ހެލްތު މިނިސްޓްރީން ރިޕޯޓު ހިއްސާކޮށްފައި ނުވާ ކަމަށެް މުއުމިނާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް