ސީޕީ ހަމީދު ތުރުކީއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ފުލުހުންނާއި ބައްދަލު ކުރައްވައިފި

20 Jun 2021 | 15:12

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ ނެޝަނަލް ޕޮލިސްއާއި ބައްދަލު ކުރައްވައިފިއެވެ.

ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު، ތުރުކީއަށް މިމަހުގެ 15 ވަނަ ދުވަހު ފެއްޓެވި ދަތުރުފުޅަކީ، ތުރުކީގެ ނެޝަނަލް ޕޮލިސްއާ ބައްދަލުކުރުމަށް ކުރައްވަމުންދާ ދަތުރުފުޅެއް ކަމަށެވެ.

މިގޮތުން ތުރުކީ ޕޮލިސް އިން ދިވެހި ފުލުހުންނަށް ތަމްރީނުގެ ފުރުސަތު އިތުރަށް ހޯދުމާއި ދެ މުއައްސަސާގެ ދެމެދު ޕޮލިސިންގެ ދާއިރާއިން ގުުޅުން ބަދަހިކޮށް މަސައްކަތްކުރުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވައެވެ.

މީގެ އިތުރުން ތުރުކީ މަގުން ސީރިއާއަށް ދިވެހިން ދަތުރުކުރުން ހުއްޓުވުމަށް ގުޅިގެން ކުރެވޭނެ ކަންކަމާއިމެދުވެސް މި ދަތުރުފުޅުގައި މަޝްވަރާ ކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ދަތުރުގައި ސީޕީ ހަމީދުގެ އިތުރުން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވެސް ބައިވެރިވެލައްވައެވެ. އޭސީޕީ ރިޔާޒަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ލީޑް ކުރައްވާ ފަރާތެވެ. 

Advertisement

ކޮމެންޓް