Advertisement

ރާއްޖޭގެ ދާޚިލީ ކަންކަމާއި ނުބެހުމަށް އިންޑިއާ ހައިކޮމިޝަނަށް އިޙްސާން ގޮވާލައްވައިފި

21 Jun 2021 | 19:27

ރާއްޖޭގެ ދާހިލީ ކަންކަމާއި ނުބެހުމަށް އިންޑިއާ ހައިކޮމިޝަނަށް ކެޕްޓަން އިޙްސާން ގޮވާލައްވައިފިއެވެ.

އައްޑޫ ބިން ހިއްކުމުގެ މަސައްކަތުގެ މަޢުލޫމާތު އާންމު ކުރައްވަމުން، ބިން ހިއްކުމުގެ މަސައްކަތް ކުރާ ބައިނަލްއަޤުވާމީ ކުންފުނިތަކުން އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުއަަށް އަގު ހުށަހަޅާފައިވާކަން އިންޑިއާ ހައިކޮމިޝަނުން ޓްވިޓާގައި ވަނީ ފާހަގަ ކޮށްފައެވެ.

ހައިކޮމިޝަންގެ ޓްވީޓްގައި، އެ މަޝްރޫޢު އާއި ގުޅޭ ވީޑިއޯ އާންމުކޮށް އެކަމުގެ ސަބަބުން އައްޑޫ ސިޓީއަށް ތަރައްޤީ އަންނާނެ ކަމަށް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން، ކުރިން އެމްއެންޑީއެފްގައި މަސައްކަތް ކުރެއްވި ކެޕްޓަން އިޙްސާނު ޓްވިޓާގައި ވިދާޅުވީ، ހައިކޮމިޝަނުން، ހައިކޮމިޝަނެއް ޢަމަލުކުރަން ޖެހޭ ގޮތަށް ޢަމަލުކުރަން ފަށަންވެއްޖެކަމަށެވެ.

އަދި ރައީސް އޮފީސް ނޫނީ ދިވެހި ސަރުކާރުގެ ވުޒާރާއެއްގޮތަށް އިންޑިއާ ހައިކޮމިޝަނުން ޢަމަލު ނުކުރުމަށް އިޙްސާން ވަނީ ގޮވާލައްވާފައެވެ.

އައްޑޫ ބިން ހިއްކުމުގެ މަސައްކަތަށް ބޭރުގެ ކުންފުނިތައް ޝައުގުވެރިކަން ފާޅުކުރިކަން ހައިކޮމިޝަނުން ފާހަގަ ކޮށްފައިވާތީ، އެކަމާއި ގުޅިގެން އިޙްސާން ވިދާޅުވީ، ރާއްޖޭގެ އެމްޓީސީސީވެސް އޮންނަ ކަމަށާއި، އެ ކުންފުނި ބޭނުން ކުރިނަމަ މަސައްކަތުގެ ޚަރަދުވެސް ކުޑަވާނެ ކަމަށެވެ. އަދި އިޙްސާން ވަނީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތް ނުބޭނުމަށް އިންޑިއާ ހައިކޮމިޝަނަށް ގޮވާލާފައެވެ.

އިންޑިއާ ހައިކޮމިޝަނުން މިފަދަ މަޝްރޫޢުތައް އިޢުލާނުކުރާތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. މިއީ އާންމުކޮށް އެހެން ޤައުމުތަކުގެ ހައިކޮމިޝަންތަކުން ކުރާ ކަމެއް ނޫންކަމަށްވެސް ގިނަބަޔަކު މީސްމީޑިއާގައި އަންނަނީ ބުނަމުންނެވެ.

‏އިންްޑިއާ ހައިކޮމިޝަނުން ބުނެފައިވަނީ، އިންޑިއާގެ މާލީ އެހީތެރިކަމާއެކު އައްޑޫގައި 228 ހެކްޓަރުގެ ބިން ހިއްކޭ މި ޕްރޮޖެކްޓުން އައްޑޫގެ ރައްޔިތުންނަށް އެތައް ފައިދާއެއް ވެގެންދާނެ ކަމަށެވެ. 

Advertisement

ކޮމެންޓް