ދީނަށް ފުރައްސާރަކޮށް ދައްކާ ވާހަކައިން މުޖުތަމަޢުގައި މާބޮޑަށް ފިތުނަ އުފެދޭ: އަނީސާ

21 Jun 2021 | 19:24

އިސްލާމްދީނަށް ފުރައްސާރަކޮށް ދައްކާ ވާހަކައިން މުޖުތަމަޢުގައި މާބޮޑަށް ފިތުނަ އުފެދޭ ކަމަށް ދައުލަތުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ، އޮނަރަބަލް އަނީސާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ދީނަށް ފުރައްސާރަ ކުރުމާއި، ދީނުގައި ހައްދުފަހަނައަޅާ ދިޔުމާއި މެދު ހޫނު ބަހުސްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައި، އަނީސާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ‏ސެކިއުލަރިޒަމްއަށް ތާއީދު ލިބޭގޮތަށް ދެކެވޭ ވާހަކައާއި ދެކޮޅަށް ޚިޔާލު ފާޅުކުރުމަކީ ނަފުރަތު އުފެއްދުންކަމަށް ބަލާނަމަ ގަބޫލު ކުރަންޖެހޭ ޙަޤިޤަތަކީ އިސްލާމްދީނަށް ފުރައްސާރަކޮށް ދެކެވޭ ވާހަކައިގެ ސަބަބުން މިމުޖުތަމަޢުގައި އަދި މާބޮޑަށް ނަފުރަތު އުފެދޭނެކަން ކަމަށެވެ.

އަނީސާ މިފަދައިން ވިދާޅުވެފައިވާއިރު، ނަފުރަތު މަނާ ކުރުމުގެ ނަމުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން ބޮޑެތި ނުތަނަވަސްކަމެއް އުފެދި، މި ބިލާއި ދެކޮޅަށް ދީނީ ޢިލްމުވެރިންވެސް މިހާރު ވަނީ ތެދުވެފައެވެ.

މި ބިލުގައިވާ ނަފުރަތުގެ ޢަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފައެވެ.

އެގޮތުން، އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ ޢަޤީދާއާ ގުޅުވައި މުޖުތަމަޢުގެ މީހަކާމެދު ނަފުރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފައެވެ. ބިލުގައި ބުނެފައިވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ އިތުރު ބިލެއް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްހުމްހޫރިއްޔާގެ އޮފީހަށް ބަންޑާރަނައިބު ވަނީ ފޮނުއްވާފައެވެ.

އެ ބިލުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާގައި މިހާރުވެސް އެކުލެވޭ ކުށެއް ކަމުގައިވާ "އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް" އިތުރަށް ތަފުސީލުކޮށް، އެ ކުށުގެ ޢަމަލުގެ ތެރޭގައި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް މާއްދާގައި ބަޔާންކުރުން ކަމަށް ބަންޑާރަނައިބުގެ އޮފީހުން މީގެކުރިން ވަނީ ބުނެފައެވެ.

ފޮޓޯ: އެޑިޝަން

Advertisement

ކޮމެންޓް