Advertisement

ކޮޕަ އެމެރިކާ: ޕެރަގުއޭ ބަލިކުރި މެޗާއެކު މެސީ ރެކޯޑަކާއި ހަމަކޮށްފި

22 Jun 2021 | 18:40

ކޮޕަ އެެމެރިކާ ފުޓުބޯޅަ މުބާރާތުގައި ޕެރަގުއޭ އަތުން 1-0 އިން މޮޅުވި މެޗާއެކު މެސީ ރެކޯޑަކާއި ހަމަކޮށްފިއެވެ.

މިއީ އާޖެންޓީނާގެ ޖާރޒީގައި މެސީ ކުޅުނު 147 ވަނަ މެޗެވެ. މި އަދަދަކީ އާޖެންޓީނާ ޤައުމީ ޓީމަށް ހަވިއާ މަޝެރާނޯވެސް މެޗު ކުޅެފައިވާ އަދަދެވެ. އެއާއެކު މެސީ ވަނީ މަޝެރާނޯގެ އަދަދާއި ހަމަކޮށްފައެވެ.

މި މެޗުގައި އާޖެންޓީނާއިން ލީޑު ނަގާފައިވަނީ ވަރަށް ކުރީކޮޅުއެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އެންހެލް ޑި މާރިއާ ދިން ބޯޅައަކުން މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ އަލެހަންދްރޯ ގޯމޭޒެވެ. މި ލަނޑަށްފަހު ވެސް އާޖެންޓީނާއި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވެއެވެ.

މި ނަތީޖާއާއެކު އާޖެންޓީނާ އޮތީ ގްރޫޕް އޭގެ އެއްވަަނައިގައެވެ. އެއީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޗިލީ އޮތީ ތިން މެޗުން ފަސް ޕޮއިންޓާއެކު އެވެ. ރޭ ދަންވަރު ޗިލީ އާއި އުރުގުއޭ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ކޮޕަ އެމެރިކާގެ ކުއާޓާފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފައިވާއިރު އިތުރު މެޗުތަކެއް ކުޅުމުގެ ފުރުޞަތު މެސީއަށް ލިބިގެންދާނެ އެވެ. އަދި މި ރެކޯޑު މުގުރާލުމުގެ ވެސް ފުރުޞަތު ލިބިގެންދާނެއެވެ.

Advertisement

ކޮމެންޓް