Advertisement

މަޖިލީހުގެ ރައީސަށް ގަނޑުވަރާއި ގެންގުޅޭ މީހުން ހަމަޖެއްސުމަކީ ޤާނޫނު އަސާސީއާ ޚިލާފުކަމެއް: މަލީޙު

22 Jun 2021 | 15:50

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ގަނޑުވަރާއި ގެންގުޅޭ މީހުން ހަމަޖެއްސުމަކީ ޤާނޫނު އަސާސީއާ ޚިލާފުކަމެއް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީޙު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ގެކޮޅާއި މުވައްޒަފުން ހަމަޖައްސާ ގޮތަށް މަޖިލީހުގެ އިމްތިޔާޒުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނު އިޞްލާޙުކޮށްފައިވާތީއެވެ.

އެކަމާއި ގުޅިގެން، މަލީޙު ކުރެއްވި މަޖިލިސް ރައީސަށް ގަނޑުވަރާއި ގެންގުޅޭ މީހުން ދައުލަތުން ހަމަޖެއްސުމަކީ ބަރުލަމާނީ ސިފައެއް ކަމަށާއި  އެއީ މިހާރު ޢަމަލު ކުރަމުންދާ ރިޔާސީ ނިޒާމުގެ ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފުކަމެއް ކަމަށެވެ.

"މަޖިލިސް ރައީސަށް ގަނޑުވަރާއި ގެންގުޅޭ މީހުން ދައުލަތުން ހަމަޖެއްސުމަކީ ބަރުލަމާނީ ސިފައެއް އެއީ މިހާރު ޢަމަލު ކުރަމުންދާ ރިޔާސީ ނިޒާމުގެ ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފުކަމެއް. މަޖިލިސް މެންބަރުންނަށް ލިބޭ ލިވިންގ އެލަވަންސްއިން ހަމަޖެއްސެންވާނެ. ބަންޑާރަ ކަފަ އަމިއްލަ ބާލީހަށް." މަލީޙުގެ ޓުވީޓުގައި ވިދަޅުވިއެވެ.

މެއި 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ދައުލަތުގެ 3 ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދިނުމާއި ގުޅޭގޮތުން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ، ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭގައި އެމަނިކުފާނަށް ސެކިއުރިޓީ ދޭން ދަތިވުމެވެ.


Advertisement

ކޮމެންޓް