މިއަދުގެ ހާދިސާއަކީ ޤައުމުގައި ނާމާންކަން އިންތިހާއަށް އޮތްކަން އަންގައިދޭ ކަމެއް: އާދަމް ޝަރީފް

22 Jun 2021 | 21:39

13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލި ހާދިސާއަކީ ޤައުމުގައި ބިރުވެރިކަމާ ނާމާންކަން އޮތް މިންވަރު އަންގައިދޭ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ކުޑަކުދިން ރަހީނުކޮށް މެރުން ފަދަ ލާއިންސާނީ އަމަލުތައް ހިނގުމަކީ ޤައުމުގައި ބިރުވެރިކަމާ ނާމާންކަން އިންތިހާއަށް އޮތްކަން އަންގައިދޭ ކަމެއް ކަމަށެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ހާއްސަކޮށް މާލޭގައި ކާފިއު ހިންގާފައި އޮއްވާ މިފަދަ ކަމެއް ކުރުމުން، އެއްވެސް މީހަކަށް އަމާންކަން ކަށަވަރު ނުވާކަން އެނގޭ ކަމަށެވެ.

މިއަދުގެ ހާދިސާއާއި ގުޅޭގޮތުން، ފުލުހުން ވިދާޅުވީ، 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްގެން ގެންގުޅޭ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހު ރިޕޯޓު ކޮށްފައިވާތީ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ، ދަންވަރު 2:38ހާއިރު ކަމަށެވެ.

މި މައްސަލައާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލައާއި ގުޅިގެން ޤައުމު މިއޮތީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށާއި މިކަމުން ޤައުމު ސަލާމަތް ކުރަން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. 

Advertisement

ކޮމެންޓް

Advertisement