ޖުޑީސަރީގައި ސިޔާސީ ފަރާތްތަކުގެ ނުފޫޒު އޮތްހާ ހިނދަކު އިންސާފު ޤާއިމެއް ނުކުރެވޭނެ: އުޝާމް

22 Jun 2021 | 22:53

ޖުޑީސަރީގައި ސިޔާސީ ފަރާތްތަކުގެ ނުފޫޒު އޮތްހާ ހިނދަކު އިންސާފު ޤާއިމެއް ނުކުރެވޭނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ ޝަރީޢަތް ކުރިމިނަލް ކޯޓުން ކުރިޔަށް ގެންދާ ގޮތާއިމެދު ހިތްހަމަ ނުޖެހުން ފާޅު ކުރައްވާ ޕްރޮސެކިއުޓަރ ޖެނެރަލް ޝަމީމް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވާ އުޝާމް ވިދާޅުވީ، ‏ޢަލީ ވަޙީދު ރާއްޖޭން ބޭރަށް ފުރުވާލީ ޤާނޫނާއި ޚިލާފަށް ކަމަށެވެ.

އަދި މިހާރު ޤާނޫނާ ޚިލާފަށް ޝަރީޢަތް ކުރިއަށް ގެންދަނީވެސް އެއް ގާޒީއެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، ތަކުރާރުކޮށް ޤާނޫނާ ޚިލާފަށް ކަންކަން ކުރަމުންދާއިރުވެސް މިގާޒީގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވެސް ބެލޭކަމަކަށް ނުވި ކަމަށާއި ސިޔާސީ ފަރާތްތަކުގެ ނުފޫޒު ޖުޑީޝަރީގައި އޮތްހާ ދުވަހަކު އިންސާފު ޤާއިމެއް ނުކުރެވޭނެ ކަމަށެވެ.

އުޝާމް މިފަދައިން ވިދާޅުވެފައިވާއިރު، ދިވެހި ދަޢުލަތުގެ އިޚްތިޞާޞް ނުހިނގާ ތަނެއްގައި އޭނާ ހުއްޓާ، ޢަލީ ވަޙީދުގެ ޝަރީޢަތް ކުރިމިނަލް ކޯޓުގައި ފަށާފައިވާތީ، ޕީޖީ އޮފީހުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑުގެ ޙާލަތާ ގުޅިގެން ޝަރީޢަތް ކުރުމާގުޅޭ ޚާއްޞަ އިޖުރާއާތުގައި، ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީޢަތް ހިންގުން ހުއްދަކުރާ 12 ޙާލަތެއް އޮންނަކަމަށާއި، އެއިން އެއްވެސް ޙާލަތަކަށް، ޢަލީ ވަޙީދުގެ ޙާލަތު ނުފެތޭ ކަމަށެވެ.

އަދި އެޝަރީޢަތަކީ މިގޮތަށް ހިންގޭނެ ޝަރީޢަތެއްކަމަށް ދައުލަތުން ނުދެކޭތީ، އެނިންމެވުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޤަޞްދުކުރާ ކަމަށް ބަޔާނުގައިވެއެވެ.

އިސްތިއުނާފު ކުރުމުގެ ކަންތައް އެއްކޮށް ނިންމޭނީ، އެނިންމެވުމާބެހޭ ލިޔުންތައް ޤާޟީ ޙަސަން ސަޢީދު، އެއޮފީހަށް ފޮނުވައިދިނުމުންކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

Advertisement

ކޮމެންޓް