Advertisement

ޔޫރޯ 2020: އިންގްލޭންޑް ގްރޫޕްގެ އެއްވަނައަށް، ޗެކް އާއި ކްރޮއޭޝިއާވެސް ދެވަނަބުރަށް

23 Jun 2021 | 12:31

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީން އެއްވަނަ އިންގްލޭންޑް ހޯދާ ދެވަަނަބުރަށް ދިޔައިރު ގްރޫޕުގެ ދެވަނަ އަދި ތިންވަަނަ ޓީމުވެސް ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ޗެކް ރިޕަބްލިކްގެ މައްޗަށް އިންގްލޭންޑް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ގްރޫޕްގެ އެއްވަނަ އިންގްލޭންޑް އަށް ވަނީ ލިބިފައެވެ. 

ދެން މި ގްރޫޕުގައި ހިމެނޭ ސްކޮޓްލޭންޑް ވަނީ ކްރޮއޭޝިއާ އަތުން 3-1 އިން ބަލިވެ މުބާރާތުން ކަޓާފައެވެ. ކްރޮއޭޝިއާ ދެވަނަބުރަށް ދިޔައީ ގްރޫޕުގެ ދެވަނަ ހޯދައިގެންނެވެ. ތިންވަނައިގައި ހިމެނެނީ ޗެކް ރިޕަބްލިކެވެ. މި ދެ ޓީމުވެސް ޕޮއިންޓުގެ ގޮތުން ހަމަހަމަވެފައިވާއިރު ކްރޮއޭޝިއާއަށް ދެވަނަ ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.

މެޗުގައި ފެނިގެންދިޔަ އިންގްލޭންޑުގެ ހަމައެކަނި ގޯލު ޖެކް ގްރީލިޝް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެން މެޗުގެ 12 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ.

ސްކޮޓްލޭންޑުގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ކްރޮއޭޝިއާ އެވެ. މެޗުގެ 17 ވަނަ މިނެޓްގައި މި ގޯލު ކްރޮއޭޝިއާ އަށް ކާމިޔާބުކޮށްދިނީ ވްލަސިޗް އެވެ. ނަމަވެސް މެޗުގެ 42 ވަނަ މިނެޓްގައި މެކްގްރެގާ ވަނީ ސްކޮޓްލޭންޑަށް ގޯލެއް ކާމިޔާބުކޮށްދީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ 62 ވަނަ މިނެޓްގައި ލޫކަ މޮޑްރިޗްގެ ހިތްގަައިމު ގޯލަކާއެކު ކްރޮއޭޝިއާގެ ދެވަނަ ލަނޑު ކާމިޔާބުކުރި އެވެ. މި މެޗުން ކްރޮއޭޝިއާ އަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗް އެވެ.

ދެވަނަ ބުރުގައި އިންގްލޭންޑް ބައްދަލުކުރާނީ ގްރޫޕް އެފްގެ ދެވަނައަށް ހޮވޭ ޓީމަކާއެވެ.

Advertisement

ކޮމެންޓް