މާލެ ސަރަހައްދުގައި ކޮވިޑަށް ފަރުވާ ދިނުމަށް 400 އަށްވުރެ ގިނަ އެނދު!

23 Jun 2021 | 21:03

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް މާލެ ސަރަހައްދުގައި 400 އަށްވުރެ ގިނަ އެނދު އެބަހުރިކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވެ، ގިނަ ބަޔަކު މިދުނިޔެއާއި ވަކިވެގެން ގޮސްފައިވާތީ، ޞިއްޙީ ނިޒާމްގައި ހުރި ވަސީލަތްތަކުގެ ތަފުސީލު ހޯދަން، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވަނީ ހެލްތް މިނިސްޓަރ އަހުމަދު ނަސީމްގެ ކިބައިން އެދިލައްވާފައެވެ.

އެއާއެކު ޞިއްޙީ ނިޒާމްގައި ވަސީލަތްތަކުގެ ތަފުސީލު މަޢުލޫމާތުތަކެއް ހެލްތް މިނިސްޓްރީން ދެއްވާފައިވެއެވެ. އެގޮތުން، މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ މަޢުލޫމާތަށް ބަލާއިރު، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 265 އެނދު ހުރިކަމަށް ބުނެފައިވެއެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ހުރި އައިސީޔޫ 9 އެނދާއިއެކު، އެ ހޮސްޕިޓަލްގައި ޖުމުލަ 29 އެނދު އެބަހުރިކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޖުމުލަ 28 އެނދު ހުރިކަމަށް ބުނެފައިވެއެވެ. އެއީ، ޕްރައިވެޓް ވޯޑްތަކުގައިހުރި 19 އެނދާއި، ހިޔަލަ ވިންގުގައި ހުރި 9 އެނދެވެ.

މީގެ އިތުރުން، އޭރު ކޮވިޑްގެ ހާލަތު ގޯސްވާން ފެށުމުން ކޮވިޑަށް ހާއްސަ ފެސިލިޓީއެއްގެ ގޮތުގައި ހަމަޖެއްސި، ހުޅުމާލެ ހޮސްޕިޓަލްގައި 85 އެނދު ހުރިކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެހެންކަމުން ކޮވިޑަށް ފަރުވާ ދިނުމަށް މާލެ ސަރަހައްދުގައި 407 އެނދު އެބަހުއްޓެވެ.

ހެލްތު މިނިސްޓަރ އަހްމަދު ނަސީމްއާ ސުވާލު ކުރުމަށް މެންބަރު ހައިތަމް އެދިވަޑައިގެން، "ވަޒީރުންނާއި ސުވާލު ކުރުމުގެ ނޯޓިސް" މަޖިލީހަށް ހުށަހަޅާފައި ވަނީ މިދިޔަ މޭ މަހު 23 ވަނަ ދުވަހެވެ. އެ ސުވާލު އެޖެންޑާ ކޮށްފައި ވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

Advertisement

ކޮމެންޓް

Advertisement