Advertisement

ސްޓެލްކޯގެ އަހަރީ ދުވަހާ ގުޅުވައިގެން އެޗްއީއޯސީއަށް ތަކެތި ހަދިޔާކޮށްފި

23 Jun 2021 | 17:51

ސްޓެލްކޯގެ 24 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮވިޑް-19 އަށް ހާއްސަކޮށް އުފައްދާފައިވާ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މަސައްކަތް ކުރާ ފަރާތްތަކަށް އެ ކުންފުނީގެ ފަރާތުން ބައެއް ތަކެތި ހަދިޔާކޮށްފިއެވެ.

މުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނޭނީ އެޗްއީއޯސީގައި މަސައްކަތްކުރާ ވޮލަންޓިއަރުންނަށް، މަސައްކަތުގައި އުޅޭ ވަގުތު ބޭނުންކުރެވޭ ފަދަ ތަކެއްޗެވެ.

މިތަކެތި އެޗްއީއޯސީއާއި ހަވާލު ކޮށްދެއްވީ، އެޗްއީއޯސީގައި މިއަދު ބޭއްވި ކުޑަ ހަފުލާއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ. އެޗްއީއޯސީގެ ފަރާތުން ތަކެއްޗާ ހަވާލުވެ ލެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލެވެ.

ސްޓެލްކޯއިންް ވިދާޅުވެފައިވަނީ، އެޗްއީއޯސީގައި މަސައްކަތްކުރާ ފަރާތްތަކުން ވަމުން އަންނަ ގުރުބާނީ، ޝުކުރުވެރިކަމާއެކު ސްޓެލްކޯ އިން ބަލައިގަންނަ ކަމަށެވެ. އަދި އެހެންކަމުން އެފަރާތްތަކަށް ބޭނުންވާނޭ ބައެއް ތަކެތި ހަދިޔާ ކުރުމަށް ނިންމީ ކަމަށެވެ.

ސްޓެލްކޯގެ އަހަރީ ދުވަހާ ގުޅުވައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއްވެސް އަންނަނީ ރާވަމުންނެވެ. އަދި އެ ހަރަކާތް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފެއްދީ 19 ޖޫން 1997ގައެވެ. ސްޓެލްކޯއަށް 24 އަހަރުވީ ނަމަވެސް، ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 72 އަހަރު ވެއްޖެއެވެ.

Advertisement

ކޮމެންޓް