ރިލީފް ޕެކޭޖުގެ ލޯނު ދޫކުރާއިރު އިސްކަން ދޭނީ ބޮޑަށް އަސަރުކުރި ވިޔަފާރިތަކަށް: ފައްޔާޒު

23 Jun 2021 | 21:54

ކޮވިޑް19 އާއި ގުޅިގެން އިޤުތިޞާދަށް ކޮށްފައިވާ އަސަރާއިއެކު އެކިއެކި ވިޔަފާރިތަކަށް ކޮށްފައިވާ އަސަރާއި ގުޅިގެން ސަރުކާރުން އަލަށް އިޢުލާން ކުރި ރިލީފް ލޯންތައް ދޫކުރާއިރު އިސްކަންދޭނީ ބޮޑަށް އަސަރުކުރި ވިޔަފާރިތަކަށް ކަމަށް، އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނާއި ސަސްޓެއިނެބަލްސް ސްޓިމިއުލަސް ލޯނު ޕެކޭޖު މިއަދު ވަނީ ތަޢާރަފު ކޮށްފައެވެ. މިފަހަރު އެސްއެމްއީ ބޭންކް ނުވަތަ އެސްޑީއެފްސީން މ ގެންގުޅޭނެ ޚާއްޞަ އުސޫލުތަކެއް ހުރިކަން ފާހަގަ ކުރައްވާ މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ވިޔަފާރިތަކާއި ސަރަޙައްދުތަކަށް އިސްކަން ދެއްވާނެ ކަމަށެވެ.

އެގޮތުން، މާލޭ ސަރަޙައްދަކީ އެންމެ އިސްކަން ދޭނެ އެއް ސަރަޙައްދު ކަމަށާއި، އޭގެ އިތުރުން، ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު ރަަށްރަށާއި އެންމެ ބޮޑަށް އަސަރު ކުރި ރަށްރަށަށް އިސްކަން ދެއްވާނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ޕެކޭޖުތައް ދޫކުރުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަަށެވެ. އެގޮތުން، ޖިމްތަކާއި ސެލޫންފަދަ ތަންތަނަށް އިސްކަން ދެއްވާނެކަމަަށް ވިދާޅުވިއެވެ.

އަދި ރިލީފް ލޯނަކަށް ވުރެން ބޮޑަށް މިފަހަރު ޕެކޭޖް ބައްޓަންކޮށްފައި ވަނީ އެސްޑީއެފްސީގެ ފަރާތުން ހިންގާ ބިޒްނަސް ކްލިނިކްތަކެއްގެ ތެރެއިން ކޮންސަލްޓަންޓުންތަކެއްގެ އެހީތެރިކަމާ އެކު މިއަށް އެދޭ ފަރާތްތަކުން މަޝްވަރާ ކުރެވިގެން އެ ވިޔަފާރި ބައްޓަން ކުރެވޭނެ ގޮތަކާއި އެއަށް ބޭނުންވާނެ ފައިސާ އާއި އަދި އެެހެނިހެން ފަންނީ އެހީތެރިކަން ދީގެން އެ ވިޔަފާރިތައް ކުރިއަށް ގެންދިޔުމަށް ކަމަށްވެސް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން މާލީގޮތުން ގެއްލުންވި އެކި ވިޔަފާރިތަކަށް މީގެ ކުރިންވެސް ސަރުކާރުންވަނީ ލޯނުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މާލީގޮތުން އަސަރުކުރި އަމިއްލަ ފަރުދުންނަށް އިންކަމް ސަޕޯޓްގެ ގޮތުގައިވެސް އެލަވަންސް ވަނީ ދޫކޮށްފައެވެ. 

Advertisement

ކޮމެންޓް