"ކޮވިޑް-19 ރިކަވަރީ އިކޮނޮމިކް ސްޓިމިއުލަސް ސްކީމް" ގެ ދަށުން ދެ ލޯން ސްކީމެއް

23 Jun 2021 | 21:36

"ކޮވިޑް-19 ރިކަވަރީ އިކޮނޮމިކް ސްޓިމިއުލަސް ސްކީމް" ގެ ދަށުން ވިޔަފާރިތަކަށް ޚާއްޞަކޮށް ދެ ލޯން ސްކީމެއް ސަރުކާރުން ތަޢާރަފް ކޮށްފިއެވެ.

މިއަދު ސަރުކާރުން ތަޢާރަފްކުރި މި ސްކީމަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ލޯން ސްކީމެކެވެ.

ސަރުކާރުން މަޢުލޫމާތު ދިން ގޮތުގައި، މި ލޯނަށްޓަކައި ފިނޭންސް މިނިސްޓްރީން ވަނީ 20 މިލިއަން ޔޫރޯ ޚާއްޞަކޮށްފައެވެ. އަދި މި ސްކީމްގެ ދަށުން އެންމެ ގިނަވެގެން ދޫކުރާނީ ކޮންމެ ފަރާތަކަށް ގިނަވެގެން 10 މިލިއަން ރުފިޔާއެވެ.

ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށްވެސް 10 މިލިއަން ރުފިޔާއާއި ހަމައަށް އެއް އެޕްލިކޭޝަނަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހެޅިދާނެ ކަމަށާއި، އިކޮނޮމިކް ސްޓިމިއުލަސް ލޯނު އަނބުރާ ދެއްކުމަށް ލިބޭ އެންމެ ދިގު މުއްދަތަކީ، ލޯނު، 4 އަހަރު (12 މަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން) އަދި އޯވަރޑްރާފްޓް، 2 އަހަރު ކަމަށް ސަރުކާރުން ބުނެއެވެ.

މި ސްކީމްގެ ދަށުން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ %6 ޕަސެންޓެވެ. އަދި މި ސްކީމަށް އެދި ހުށަހެޅޭނީ އިސްކަންދޭ ސެކްޓަރތަކުގެ ތެރެއިން، ޝަރުތުތައް ހަމަވާ ވިޔަފާރިތަކަށްކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މި ސްކީމާއި ގުޅޭގޮތުން، އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒު އިސްމާޢީލް ވިދާޅުވީ، މި ޕެކޭޖުތައް ދޫކުރުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަަށެވެ. އެގޮތުން، ޖިމްތަކާއި ސެލޫންފަދަ ތަންތަނަށް އިސްކަން ދެއްވާނެކަމަަށް ވިދާޅުވިއެވެ.

އަދި ރިލީފް ލޯނަކަށް ވުރެން ބޮޑަށް މިފަހަރު ޕެކޭޖް ބައްޓަންކޮށްފައި ވަނީ އެސްޑީއެފްސީގެ ފަރާތުން ހިންގާ ބިޒްނަސް ކްލިނިކްތަކެއްގެ ތެރެއިން ކޮންސަލްޓަންޓުންތަކެއްގެ އެހީތެރިކަމާ އެކު މިއަށް އެދޭ ފަރާތްތަކުން މަޝްވަރާ ކުރެވިގެން އެ ވިޔަފާރި ބައްޓަން ކުރެވޭނެ ގޮތަކާއި އެއަށް ބޭނުންވާނެ ފައިސާ އާއި އަދި އެެހެނިހެން ފަންނީ އެހީތެރިކަން ދީގެން އެ ވިޔަފާރިތައް ކުރިއަށް ގެންދިޔުމަށް ކަމަށްވެސް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން މާލީގޮތުން ގެއްލުންވި އެކި ވިޔަފާރިތަކަށް މީގެ ކުރިންވެސް ސަރުކާރުންވަނީ ލޯނުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މާލީގޮތުން އަސަރުކުރި އަމިއްލަ ފަރުދުންނަށް އިންކަމް ސަޕޯޓްގެ ގޮތުގައިވެސް އެލަވަންސް ވަނީ ދޫކޮށްފައެވެ. 

Advertisement

ކޮމެންޓް

Advertisement