Advertisement

ޔޫރޯ 2020: ވަރުގަދަ ކުރިމަތިލުމަކާއެކު ސްޕެއިން ދެވަނަބުރަށް

23 Jun 2021 | 23:48

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އީގައި ސްލޮވާކިޔާ 5-0 އިން ބަލިކޮށް މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ސްޕެއިން ދެވަނަބުރަށް ދަތުރުކޮށްފި އެވެ.

ސްޕެއިން ދެވަނަބުރަށް ދިޔައީ ގްރޫޕުގެ ދެވަނައިގައި ފަސް ޕޮއިންޓާއެކު އެވެ. އެއްވަނަ މަގާމާއެކު ދެވަނަބުރު ކަށަވަރުކުރި ސްވިޑަން އޮތީ މިއަދު ޕޮލޭންޑް 3-2 އިން ބަލިކޮށް ގްރޫޕްގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކު އެވެ.

ސްވިޑަން އިން މޮޅުވިި މެޗުގައި ކާމިޔާބުކުރި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްފައިވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯސްބާގް އެވެ. ސްވިޑަންގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ކްލާސަންއެވެ. ޕޮލެންޑުގެ ދެ ގޯލުވެސް ޖަހައިދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އެވެ.

ސްޕެއިން އިން މި މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު މި މެޗުގެ ބޮޑުބައި މޮޅަށް ކުޅެފައިވަނީ އެ ޓީމުންކަން ފާހަގަކޮށްލެވެއެވެ. މެޗުގެ 12 ވަނަ މިނެޓްގައި އެޓީމަށް ވަނީ ލީޑު ނަގަން ޕެނަލްޓީއެއް ލިބިގެންދިޔަ ނަމަވެސް އަލްވަރޯ މޮރާޓާ ފޮނުވާލި ޕެނަލްޓީ ސްލޮވާކިޔާގެ ގޯލްކީޕަރު ދިފާއުކުރި އެވެ.

ސްޕެއިން އިން ލީޑު ނަގާފައިވަނީ މެޗުގެ 30 ވަނަ މިނެޓްގައެވެ. މި ގޯލަކީ ސްލޮވާކިޔާގެ ކީޕަރު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ލަޕޯޓް ވަނީ ސްޕެއިންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

މެޗުގެ 56 ވަނަ މިނެޓްގައި ސަރާބިޔާ ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 67 ވަނަ މިނެޓްގައި ސްޕެއިންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފެރަން ޓޮރޭސް އެވެ.  ސްޕެއިންގެ ފަސްވަނަ ލަނޑަކީ ސްލޮވާކިޔާގެ ޑިފެންޑަރެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ސްޕެއިން ބައްދަލުކުރާނީ ގްރޫޕް ޑީގެ ދެވަނަ މަގާމު ހޯދި ކްރޮއޭޝިޔާއާއެވެ.

Advertisement

ކޮމެންޓް

Advertisement