ފިޔައާއި އަލުވީގެ މައްސަލާގައި މޯދީގެ ސަރުކާރަށް ނުރައްކާ

30 Dec 2018 | 14:32

ފިޔައާއި އަލުވީގެ އަގުވެށްޓުމަކީ މީގެކުރިން އިންޑިޔާގެ ސަރުކާރުތައް ވެށްޓުމަށް މެދުވެރިވި ސަބަބުތަކުގެތެރެއިން ސަބަބަކަށް ވެއެވެ. އިންޑިޔާގެ ފިޔައާއި އަލުވީގެ އަގު މިދުވަސްވަރު ވަރަށް ބޮޑަށް ދަށަށްދިއުމާއިގުޅިގެން ފިޔައާއި އަލުވި އުފައްދާ ދަނޑުވެރިން މަގުތައް ބަންދުކޮށް މުޒާހަރާކުރަމުންދެއެވެ. ފަހަކަށްއައިސް ފިޔައާއި އަލުވީގެ އަގު ނުވެއްޓޭހާ ދަށަށްދިއުމުން ދަނޑުވެރިން ތިބީ ސަރުކާރު ދެކެ ރަތަށްއަރާފައެވެ.

ފިޔާގެ އަގު ވެށްޓުނު ވަރަކީ ފިޔާ ކިލޯއެއް އެއްރުޕީސްއަށް ލިބެއެވެ. އެކަމަކު ފިޔާ ކިލޯއެއް އުފައްދަން 8 ރުޕީސްވަރު ހޭދަކުރަންޖެހެއެވެ.

އިންޑިޔާގެ 1.3 ބިލިޔަން މީހުންގެ އާބާދީއަށް ފިޔާއާއި އަލުއްވަކީ ކެއުމުގައި ބޭނުންކުރާ ވަރަށް ޚާއްސަ ބާވަތެކެވެ. އަގުތަށް ދަށަށްދިއުމުން ބޮޑެތި ސްޓޭޓްތަކުގެ ރަށްފުށުގެ އާބާދީދިރިއުޅޭ ސަރަހައްދުތަކުގެ އިކޮނޮމީއަށް ވަރަށް ބޮޑު ގެއްލުމާއި ކުރިމަތިވެފައިވެއެވެ.

މިކަމާއިގުޅިގެން މަގުތަކުގައި މުޒާހަރާކުރާ ދަނޑުވެރިންދަނީ މަގުމައްޗަށް ފިޔާތައް އޮއްސައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބަހާރަތިޔާ ޖަނަތާ ޕާޓީއަށް އެއްޗެހި ގޮވަމުންނެވެ.

" އެމީހުން ކޮންމެ ކަމެއްކުރިޔަސް ކުރިއަށް އޮތް އިންތިޚާބުގައި އަހަރެން އެމީހުންނަށް ވޯޓް ނުދޭނަން. 2014 ވަނަ އަހަރު ހެދި މިސްޓޭކް ހަދަން އަހަރެން އަލުން ބޭނުމެއްނޫން" އެންމެފަހުން ބޭއްވި އިންތިޚާބުގައި ބީޖޭޕީއަށް ވޯޓްދިން މީހަކު މުޒާހަރާކުރަން ހުރެފައި ބުންޏެވެ.

1998 ވަނަ އަހަރު ފިޔާގެ އަގު ވެށްޓުމުން ނިއުދިއްލީގައި އޮތް ބީޖޭޕީގެ ސްޓޭޓް ސަރުކާރު ވެށްޓިފައިވެއެވެ.

ފިޔާ އަލުވީގެ އަގުވެށްޓިގެންދިއުމުގެ އެއްސަބަބަކަށް މެދުއިރުމައްޗަށް ކުރާ އެކްސްޕޯޓްގެ ޑިމާންޑް ދަށްވުމާއި ދެކުނު އޭޝިޔާގައި ޑިމާންޑް ދަށްވުން ހިމެނެއެވެ.

Advertisement

ކޮމެންޓް