"ފްރެންޑްސް"ގެ ގަންތަރ ކެންސަރާ ހަނގުރާމަކުރަނީ

24 Jun 2021 | 11:17

މަޝްހޫރު ޓީވީ ސީރީސް "ފްރެންޑްސް"ގައި މައި ތަރިން އަބަދުމެ ގޮސްއުޅޭ ސެންޓްރަލް ޕާރކް ކެފޭގެ ވެރިޔާ ގަންތަރގެ ރޯލް ކުޅުނު އެކްޓަރ ކަމުގައިވާ ޖޭމްސް މައިކަލް ޓައިލަރއަށް ކެންސަރ ޖެހިފައިވާކަން އޭނާ ހާމަކޮށްފިއެވެ.

އެންބީސީގެ ޓުޑޭ ޝޯވގައި ވާހަކަދައްކަމުން ޓައިލަރ ބުނީ އޭނާއަށް ކެންސަރ ޖެހިފައިވާކަން އެނގުނީ 2018ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައި ހެދި ޓެސްޓަކުން ކަމަށާއި، މިފަހުން ކެންސަރުގެ ހާލަތު ވަރަށް ގޯސްވެފައިވާކަމަށެވެ.

އެގޮތުން ކެންސަރަށް ކީމޯތެރަޕީ ނަގަމުންދިޔަ ނަމަވެސް، މިހާރު އޭނާއަށް ނުހިނގޭކަން ޓައިލަރ ވަނީ ވަރަށް އަސަރާއެކު ކިޔައިދީފައެވެ. އޭނާއަށް ޕްރެސްޓްރޭޓް ކެންސަރ ޖެހިފައިވާއިރު، ކޮވިޑްގެ ކަންތައްތަކުގެ ތެރެއިން ކުރަންޖެހޭ ޓެސްޓެއް ނުހެދި ވަގުތުތަކެއް ދިޔަކަމަށްވެސް ބުންޏެވެ.

މިހާރު އޭނާ ހުރީ ކެންސަރުގެ އެންމެ ފަހުގެ މަރުހަލާގައިކަމަށް ޓައިލަރ ވަނީ ފާހަގަކޮށްފައެވެ. ދާދިފަހުން އޮތް "ފްރެންޑްސް"ގެ ރީޔޫނިއަންގައި ވީޑިއޯ ކޯލް މެދުވެރިކޮށް ޓައިލަރ ފެނިފައިވާއިރު، އެއީ ވަރަށް އުފާވެރި ވަގުތުކޮޅެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ. ޓައިލަރ ވަނީ އޭނާއަށް ކެންސަރ ޖެހިފައިވާކަން ރީޔޫނިއަންގައި ނުބުނި ނަމަވެސް، އެކްޓަރުންނާއި ޕްރޮޑިއުސަރުންނަށް އެކަން އެނގޭކަމަށެވެ. އަދި އެފަރާތްތަކާ ގުޅުން ބާއްވަމުންދާ ކަމަށްވެސް ޓައިލަރ ވަނީ ބުނެފައެވެ.

ޓައިލަރ ކުޅުނު ގަންތަރގެ ރޯލް ބޮޑަށް ފާހަގަކުރެވިފައިވަނީ މަޖާ މިޒާޖެއްގެ ތެރެއިން، ސީރީސްގެ އެއް މައި ތަރި ކަމަށްވާ ރޭޗަލް ގްރީން (ޖެނިފަރ އެނިސްޓަން)އާ ގަޔާވެގެން އުޅުނު މީހެއްގެ ގޮތުގައެވެ.

Advertisement

ކޮމެންޓް

Advertisement