ޢަލީ ވަޙީދު އިނގިރޭސިވިލާތުގައި ދިރިއުޅެނީ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގައި ކަމަށްބުނާ ވާހަކަ ދޮގުކޮށްފި

24 Jun 2021 | 20:30

އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ ކޮމިޝަނަރުގެ ގެކޮޅުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ދިރިއުޅޭ ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފިއެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އިނގިރޭސިވިލާތުގައި ހުންނަނީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ ހައިކޮމިޝަނަރ ނައުޝާދު ވަހީދުގެ ގެކޮޅުގައިކަމަށްބުނެ "ދިޔަރެސް" ނޫހުން އާންމުކޮށްފައިވާ ޚަބަރާއި ގުޅިގެން އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަރަޙްނާޒް ފައިޞަލް ވިދާޅުވީ ފަތުރާފައިވަނީ ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށެވެ.

އަދި އެފަދައިން ޚަބަރު ފަތުރާފައި ވަނީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރާއި ހައިކޮމިޝަންގެ އަގުވައްޓާލައި ބަދުނާމުކުރުމަށްކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.

ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން އެބޭފުޅާގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ދޫކޮށްލުމާއެކު އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރާފައެވެ. އެކަމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެގެން ގޮސްފައެވެ. ޢަލީ ވަޙީދުގެ މައްޗަށް ވަނީ ހަތް ދަޢުވާއެއް އުފުލާފައެވެ.

Advertisement

ކޮމެންޓް