މަސައްކަތް ކުރަމުން މިދަނީ އަނިޔާތަކުން އަރައިގަނެ ރާއްޖެއަށް އަނބުރާ ދިއުމަށް: ރައީސް ނަޝީދު

24 Jun 2021 | 20:29

މަސައްކަތް ކުރައްވަމުން ގެންދަވަނީ އަނިޔާތަކުން އަރައިގަނެ، ހެޔޮހާލުގައި ދިވެހިރާއްޖެއަށް އަނބުރާ ދިއުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލިބިވަޑައިގެންފައިވާ އަނިޔާތައް ވަރަށް ގިނަކަމަށާއި އެހެން ނަމަވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ މާތްﷲގެ ރަޙުމަތްފުޅާއެކު މި އެންމެހާ އަނިޔާތަކުން އަރައިގަނެ ހެޔޮހާލުގައި ރާއްޖެއަށް ދިއުމަށް ކަމަށެވެ. 

މިދިޔަ މަހުގެ 6ވަނަ ދުވަހުގައި ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމުތަކަށް އެމަނިކުފާނު ރާއްޖޭގައި ފަރުވާ ހޯއްދެވުމަށްފަހު މިވަގުތު ޖަރުމަނުވިލާތުގައި ދަނީ އިތުރު ފަރުވާ ހޯއްދަވަމުންނެވެ. އެގޮތުން އެމަނިކުފާނު ދާދިފަހުންވެސް އޮޕަރޭޝަންތަކެއް ކުރައްވާފައިވާއިރު، ލިބުނު އަނިޔާތަކުގެ ލަކުނުތައް ފިލުވުމުގެ އޮޕަރޭޝަން ކުރައްވަން ވަނީ ދެކޮޅު ހައްދަވާފައެވެ.

ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓެއްކަމަށް ބުނެވޭ "އެލެކްސް އަހުމަދު" ބުނެފައިވާ ގޮތުގައި އެމަނިކުފާނުގެ ކަނާތު އަތުގެ ބޮޑުވާ އިނގިލި، ޝަހާދަތް އިނގިލި އަދި މެދު އިނގިލީގައި ވާގިއެއް ނެތެވެ. އަދި ވާތު ކަންފަތުގެ ތޫރީގައި ދެ ލޯވަޅު ހެދިފައިވާއިރު، ކަނާތު އުޅަނބޮށި ނުލެންބޭކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، ވާތު ފައިގައި ޒަޚަމެއް ހުރުމުން އެފައި ބޭނުން ނުކުރެވޭކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement