ޝައިޚް މުޖުޠަބާ ފުލުހަށް ހާޒިރުކުރިއަސް ބިރުނުގަންނާނެ ކަމަށް ސަލަފުން ބުނެފި

24 Jun 2021 | 20:24

ޖަމިއްޔަތުއް ސަލަފްގެ އިސް ބޭފުޅެއް ކަމުގައިވާ ޝައިޚް މުޖުޠަބާ ޙަމީދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރިއަސް ބިރު ނުގަންނާނެ ކަމަށް ސަލަފް ޖަމުޢިއްޔާއިން ބުނެފިއެވެ.

ސަލަފް ޖަމިއްޔާގެ ދައުވާ ކޯޑިނޭޓަރު، މުޖުޠަބާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން މިއަދު ޙާޒިރުކުރުމާއި ގުޅިގެން ސަލަފް ޖަމުޢިއްޔާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދީނީޢިލްމުވެރިން ދައްކަވާ ވާހަކަފުޅުތަކާމެދު ނުތަނަވަސްކަމެއް އުފެދިއްޖެ ނަމަ އެމީހަކާ އެންމެފުރަތަމަ ސުވާލުކުރަންޖެހޭ ފަރާތަކީ އިސްލާމިކް މިނިސްޓްރީ ކަމަށެވެ.

އަދި އެމިނިސްޓްރީގެ އެއްވެސް އިޝާރާތެއް ނެތި، ފުލުސްއޮފީހަށް ހާޒިރުކޮށް، މިކަމާ ސުވާލުކޮށް ބަޔާން ނެގުމަކީ ކަނޑައެޅިގެން ބިރުދެއްކުމުގެ ޢަމަލެއްކަމުގައި އެޖަމުޢިއްޔާއިން ދެކޭކަމަށް ސަލަފުން ވަނީ ބުނެފައެވެ.

"ދިވެހިރައްޔިތުންނަށާއި، ނަފުރަތުގެ ބިލު ބަލައި ނުގަތުމަށް އެޖަމުޢިއްޔާއިން ކުރަމުންދާ ކެމްޕޭންގައި ބައިވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ﷲ ނޫންފަރާތެއްގެ ބިރެއް އަޅުގަނޑުމެން ނުގަންނާނެ. އިސްލާމްދީނަށް ގޮންޖެހުން ކުރިމަތިވެދާނެ ކޮންމެކަމަކާ،ކުރިމަތިލުމުގައި އެކަލާނގެ ވާގިފުޅާއެކު އަޅުގަނޑުމެންސާބިތުވެތިބޭނަން" ސަލަފުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެބަޔާނުގައި ބުނެފައިވަނީ އައްޝައިޚް މުޖްޠަބާ ޙަމީދު ދެއްވާފައިވާ ނަޞޭޙަތަކީ ޢިލްމީގޮތުން ރަނގަޅު ނަޞޭޙަތެއްކަމުގައެވެ. އެހެންކަމުން ޢިލްމުވެރިޔަކު ދެއްވާ ހެޔޮ ނަޞޭޙަތަކީ މިޤައުމުގައި ކުށްވެރިވެދާފަދަ ބަސްފުޅަކަށް ވާނަމަ، މިހާރު މިއޮތް ނަފުރަތުގެ ބިލު ފާސްވެއްޖެނަމަ، މުޅި އިސްލާމީ ދަޢުވަތަށް ގޮންޖެހުން ކުރިމަތިވެ، އިސްލާމްދީންވެސް ދިވެހިރާއްޖެއިން ފުހެވިގެން ހިނގައިދާނެ ކަމަށެވެ.

އަދި މިޢަމަލަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް ނިގުޅައިގަތުންކަމުގެ ޢަމަލެއްކަމުގައި ޖަމުޢިއްޔަތުއް ސަލަފުން ދެކޭކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސަލަފް ޖަމުޢިއްޔާގެ ދަޢުވާ ކޯޑިނޭޓަރު، މުޖުޠަބާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މިއަދު މެންދުރު 2:00، އެހެން ނަމަވެސް ހާޒިރުވާން އެންގީ ކޮން ސަބަބަކާހުރެ ކަމެއް ސާފެއްނުވެއެވެ.

މުޖުޠަބާ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވާއިރު، މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެންނަން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން މަޖިލީހަށް ހުށަހެޅުއްވި ބިލާ ގުޅޭ ގޮތުން އެޕާޓީން ދަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement