Advertisement

ސީސީޓީވީ ނެޓްވޯކަކުން މުޅި ހުޅުމާލެ ގުޅުވާލަނީ

24 Jun 2021 | 20:19

ހުޅުމާލޭގެ ކަންތައްތައް ބަލަހައްޓަމުންދާ އެޗްޑީސީގެ ސްމާޓް ސިޓީ މަޝްރޫޢުގެ ދަށުން މުޅި ހުޅުމާލެ ސިޓީގައި ސީސީޓީވީ ހަރުކުރުމަށް ނިންމައިފިއެވެ.

މިގޮތުން މަގުތަކާއި ޕާކު ފަދަ އާންމުން ބޭނުންކުރާ ހުރިހާތަނެއް ހިމެނޭނެހެން ސީސީޓީވީ ވިއުގައެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ވިއުގައިގާ ހިމެނޭ ހުރިހާ ކެމެރާއެއް ހުންނާނީ އެޗްޑީސީގެ ގިގަބިޓް ޕެސިވް އޮޕްޓިކަލް ނެޓްވަރކް މެދުވެރިކޮށް ގުޅާލެވިފައެވެ.

އެޗްޑީސީން ބުނިގޮތުގައި ކުރިމަގުގައި ޖްރޭޓަރ މާލޭގެ އެހެން ސަރަޙައްދުތައްވެސް މި ވިއުގައިން ގުޅާލުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢު ފެށިގެންދާނީ ހުޅުމާލެ ފޭސް 2 ގައި ހިޔާ ފުލެޓްތަކާއި ވަށައިގެންވާ އާންމު ސަރަޙައްދުތަކުންނެވެ.

އެއަށްފަހު ހުޅުމާލެގެ ދެވަނަ ފޭސް ތަރައްޤީކުރުމުގެ ޕްލޭން އަށް ބިނާކޮށް ސީސީޓީވީ ވިއުގަވެސް ޤާއިމުކުރެވެމުން ދާނެއެވެ.

މިވީޑިއޯ ސަވެއިލަންސްގެ އެހީގައި ސިޓީގައި ހިނގާ ކަންކަމަށް އަދި ކުއްލި ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސް ވެގެން ދާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނާގޮތުގައި ފޭސް 1 ގެ ޖީޕީއޯއެން މަޝްރޫޢު ނިމުމުން ސީސީޓީވީ ވިއުގަ އެ ސަރަޙައްދުގައިވެސް ޤާއިމުކުރެވިގެންދާނެއެވެ. މިމަޝްރޫޢުގައި ސީސީޓީވީ ގެ އިތުރުން ޤާއިމު ކުރެވޭ އެހެން ސްމާޓް ވަސީލަތްތަކުގެ ސަބަބުން ފުލުހުންނާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ މަސައްކަތްތަކުގެ ދުވެލި އަވަސްވެ ހަރުދަނާވެގެން ދާނެއެވެ.

Advertisement

ކޮމެންޓް

Advertisement