އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް، ހާމަވީ ޕާޓީ ބައިބައިވެފައިވާ މިންވަރު؟

01 Jul 2021 | 22:50

މިއަދު މިއީ، ރާއްޖޭގައި އޮތް އެންމެ ގިނަ ދުވަސްވީ އެއް ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ 16 ވަނަ އަހަރީ ދުވަހެވެ. އެ ޕާޓީން 16 ވަނަ އަހަރީ ދުވަހާއި ކުރިމަތިލާން ޖެހިފައި މިވަނީ ބޮޑެތި ނުތަވަނަސްކަމެއްގެ ތެރޭގައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުން އެމްޑީޕީ އުންމީދު ކުރިވަރާއި ގާތްކުރާ ވަރުގެވެސް ނަތީޖާއެއް ނުނެރެވި ވަނިކޮށް، ދެން އުފަންވި ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލު ކުރުމުގެ ވިސްނުމާއި އަދި މެއި 6 ވަނަ ދުވަހު ބޮމެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ލަސްވުންފަދަ މައްސަލަ ތަކާއި ގުޅިގެން ސަރުކާރާއި އެމްޑީޕީއާއި މިވަނީ ވަރަށް ބޮޑަށް ގުޅުން ކުޑަވެފައެވެ.


ކުރީގެ މެންބަރުން ހަނދާން ކޮށްދެނީ މުހިންމު ވާހަކައެއް

ސަރުކާރާއި ޕާޓީއާއި ދެމެދު އޮންނަ "ގެޕް" ތަކުރާރުކޮށް ހަނދާން ކޮށްދީ އަދި އޭގެ ސަބަބެއްކަމަށް ވަނީ އެމްޑީޕީން ކުރިން ގެންގުޅުނު ހަރުދަނާ ސިޔާސަތުތައް އެކަހެރި ކުރުން ކަމަށް ވިދާޅުވަމުންދާ އެއްބަޔަކީ، އެމްޑީޕީގެ ލީޑަރޝިޕްގައި ކުރިން މަސައްކަތް ކުރެއްވި ފަރާތްތަކެވެ.

"ދިގުކޮށް މިވާހަކަ ދައްކާނެ ކަމެއް ނެތް. އެމްޑީޕީގެ މަގުސަދުތައް ދެން ހާސިލެއް ނުކުރެވޭނެ އަންނި ވެރިކަމަށް އައުމަށް އެ ޖަހާ ސަކަރާތްގަނޑު ހުއްޓައިގެން ނޫނީ. އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުނު އެންމެން އެ ތިބީ އަންނިއާ ހެދި ދުރުގައި. އިހަށް ވެސް ވަގުންގެ ގޮތުގައި ތިބި ބަޔަކު މިއަދު އެތިބީ [އެމްޑީޕީ ހިންގަން] އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެފައެވެ.

އަހަރީ ދުވަހާއި ގުޅުވައިގެން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީވެސް ތަފާތު ތަހުނިޔާއެކެވެ. 16 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ރީކޯ ތަހުނިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށެވެ.

ނުވިތާކަށް އެމްޑީޕީގެ ރައީސްކަން ކުރިން އަދާކުރައްވާފައިވާ އަލްހާން ފަހުމީވެސް ތަކުރާރުކޮށް ދައްކަވަނީ، އެމްޑީޕީ މާކުރިންވެސް ބައިބައި ވާން ފަށާފައިވާ ކަމުގެ ވާހަކައެވެ. ރައީސް ނަޝީދު ނުގަބޫލު އެއްވެސް ކަމެއް ޕާޓީގެ އިސްމީހަކަށް ނުކުރެވޭ ވާހަކައެވެ.


ރައީސް ޞާލިޙް ތަހުނިޔާ ވިދާޅުވީ "ކުޑަ ގޮތަކަށް"

އާންމު ގޮތެއްގައި އެމްޑީޕީގެ އަހަރީ ދުވަހަކީ ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ. ރައީސް ޞާލިޙްވެސް މި މުނާސަބާގައި ޖޯޝާއިއެކު ބައިވެރިވެވަޑައިގަންނަވައެވެ. ނަމަވެސް، ޕާޓީގެ 16 އަހަރު ފުރުނު މުނާސަބާއާއި ގުޅިގެން ރައީސް ޞާލިޙް ތަހުނިޔާ ކިޔުއްވީ ކޮށްލެއްވި ކުރުކުރު ޓްވީޓަކުންނެވެ.

"އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ޕާޓީގެ ހުރިހާ މެންބަރުންނަށް އަރިސްކުރަން" ރައީސް ޞާލިޙްގެ ޓްވީޓްގައި ވެއެވެ.

މިކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ. މި ހާއްސަ މުނާސަބާގައި ރައީސް މިހާ ކުޑަ ގޮތެއް ހައްދަވާލެއްވީތީ އާންމު މެންބަރުންނާއި އިދިކޮޅު ފަރާތްތަކުންވެސް އަންނަނީ، ކުރިން ޝައްކުގެ ނަޒަރުން ކުރި ހީތައް ޔަޤީނަށް ބަދަލު ކުރައްވަމުންނެވެ. އެއްބަޔަކު ބުނަނީ މިއީ ޕާޓީއާއި މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުންނެވިކަމުގެ ހެއްކެއް ކަމަށެވެ.


ޤައުމީ މަޖިލީހުގައިވެސް މައިގަނޑު ގޮތެއްގައި އެއް ކަންބޮޑުވުމެއް

އަހަރީ ދުވަހާއި ގުޅުވައިގެން އޮންލައިންކޮށް ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް މިއަދު ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ މެންބަރުންގެ ކަންބޮޑުވުމަކީ ޕާޓީއާއި ސަރުކާރާ އަދި ޕާޓީގެ މެންބަރުންނާއި ޕާޓީއާއި ގުޅުން ކުޑަވުމެވެ.

މިފަދައިން ވާހަކަ ދެއްކެވި އެއް ބޭފުޅަކީ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. އިންތިގެ ވާހަކައިގައި ވިދާޅުވީ، ސަރުކާރާއި ދެމެދު ގެޕެއް ވާކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވިދާޅުވީ، ސަރުކާރާއި މަޖިލީހާއި އެނޫންވެސް މުއައްސަސާތައް އެމްޑީޕީއަށް ލިބި ކަންކަން ހައްލު ނުވެދަނީ ކީއްވެތޯ އާންމު މެންބަރުން ސުވާލު އުފައްދާކަމަށާއި އާންމު މެންބަރުންނާއި ޕާޓީއާއި މިހާ ގުޅުން ކެނޑިގެން ދިޔަ ޒަމާނެއް ނުދެކޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އިވާ ޢަބްދުﷲ ވިދާޅުވީ، ޕާޓީ ފުރާވަރަށް އެޅިއިރު ހާސިލު ކޮށްފައިވާ ގިނަގުނަ ކާމިޔާބީތަކާއި ކުރި ހިތި އަދި ފޮނި ތަޖުރިބާތަކާއި މެމްބަރުން ދައްކަމުން އައި ހިތްވަރު އާދަޔާ ޚިލާފު ކަމަށެވެ. އަދި އިތުރު ކާމިޔާބާއި ކުރިއެރުމަށް، ޕާޓީއަށް އޮތް އިތުބާރު ނަގަހަށްޓައި ދަމަހައްޓަން ޖެހޭ ކަމަށެވެ.

ސަރުކާރު ތެރޭގައި އެކިއެކި އިސް މަޤާމްތަކުގައި ތިއްބެވި މެންބަރުން މިއަދު ފާހަގަ ކޮށްލީ ކޮށްލެއްވި އެންމެ ޓްވީޓަކުންނެވެ.

ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި، އެމްޑީޕީގެ ޤައުމީ މަޖިލީހުން އިވިގެންދިޔަ ވާހަކަތަކުންނާއި، އެމްޑީޕީގައި އިސްކޮށް ކުރިން މަސައްކަތް ކުރެއްވި ބޭފުޅުން ވިދާޅުވަމުން ގެންދަވާ ވާހަކަތަކާއި އާންމު މެންބަރުން ފާޅުކޮށްފައިވާ ޝުޢޫރުތަކުންނާއި، ސަރުކާރުގެ އިސް މަޤާމްތަކުގައި ތިއްބެވި ޕާޓީގެ އެކްޓިވިސްޓުންގެ ލޮނުމަޑުކަމުން ދޭހަވަނީ ޕާޓީގެ ތެރޭގައި އޮތް ބައިބައިވުމެވެ. 

Advertisement

ކޮމެންޓް