މާލޭ ސަރަހައްދުގައި ޖަމާޢަތުގައި ނަމާދުކުރަން ފުރުސަތު ނުދޭތީ ކަންބޮޑުވުންތަކެއް!

28 Jun 2021 | 22:29

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްތަކެއްވަނީ މޮނިޓަރިންގެ ހާލަތުގައެވެ. އެގޮތުން، ގްރޭޓަރ މާލެ ސަރަޙައްދު ވެސް މިވަނީ ލޮކްޑައުންގެ ހާލަތުގައެވެ. ފާއިތުވި މެއި މަހުގެ ތެރޭގައި ކޮވިޑްގެ ހާލަތު ގޯސްވެ މާލެ ސަރަޙައްދުގައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފިޔަވަޅަކީ މިސްކިތްތައް ބަންދުކުރި ކުރުމެވެ. މިސްކިތުގައި ޖަމާޢަތް ހަދައިގެން ނަމާދު ނުކުރެވޭ ގޮތަށް ހެދި ހެދުމެވެ.

ގަބޫލު ކުރަންޖެހޭ ކަމަކީ، ކޮވިޑް ފަދަ ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރޭގައި އަދި ޚާއްޞަކޮށް މި ބައްޔަކީ ނުހަނު ފަސޭހައިން ފެތުރޭ ބައްޔެއްކަމަށް ވާއިރު، މިސްކިތްތަކުގެ ޖަމާޢަތް ހެދުން މެދުކަނޑާލުމަކީ ވަގުތާއި ހާލަތަށް ބަލާއިރު ކުރަންވެސް ޖެހިދާނެ ކަމެއްކަމެވެ. އަދި ޙާލަތު ރަނގަޅުވަންދެން މިފިޔަވަޅު އަޅަންވެސް އެތައް ބަޔަކު އަޑު އުފުލިއެވެ. ނަމާދު ކުރުން ހުއްޓާލުމަކަށް ނޫނެވެ. މިސްކިތުގެ ތެރެއިންވެސް މިބަލި ފެތުރުމުގެ ފުރުޞަތު އޮތަތީ، އެކަން ކުޑަކުރުމަށެވެ.


އާންމު ބައެއް ޚިދުމަތްތައް ދިނުމުގެ ފުރުޞަތު އޮވޭ

މިއަދު ފެންނަ ހަޤީޤަތަކީ، ކޮވިޑްގެ ހާލަތު އަނެއްކާވެސް ރާއްޖޭގައި ރަނގަޅުވާން ފަށާފައިވާތީ، އާންމު އެކިއެކި ޚިދުމަތްތައް ދޭން ފެށިކަމެވެ. އެކިއެކި ސެލޫންތަކާއި ޖިމްތައްވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ގައިޑްލައިންތަކާއި އެއްގޮތަށް ހުޅުވާ ޚިދުމަތް ދޭން މިވަނީ ފަށާފައެވެ.

ޖިމްތައް ހުޅުވުމުގެ ހުއްދަ ދިންތާ މިއަދަށް 5 ދުވަސް ފާއިތުވީއެވެ. މާލޭ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރުމުގެ ހުއްދަ އަދިވެސް ދީފައެއް ނުވެއެވެ.


ނުރަސްމީކޮށް މިސްކިތުގައި ޖަމާޢަތް ހަދާ

ފާހަގަ ކުރެވޭ އެއްކަމަކީ، މިސްކިތްތަކުގައި މިހާރުވެސް "ނުރަސްމީކޮށް" ޖަމާޢަތް ހަދައިގެން ނަމާދު ކުރާކަމެވެ. އަދި ފާއިތުވި ހުކުރު ނަމާދުވެސް ގާކޮށި ފްލެޓް ކައިރި ހުންނަ ފުރުގާން މިސްކިތާއި ހުޅުމާލޭގައި ހުންނަ ޢުމަރު ބިން އަލް ޚައްޠާބު މިސްކިތުގައި ޖަމާޢަތުގައި ވަނީ ކޮށްފައެވެ.

"އަހަރެމެން މިއީ ނަމާދަށް ވަރަށް ލޯބިކުރާ ބައެއް، އާންމު އެހެން ޚިދުމަތްތައް ދޭން ތަންތަން ހުޅުވޭއިރު، ހުކުރު ނަމާދު ނުކޮށް ތިބެން އަހަރެމެންގެ ހިތަށް ކުޅަދާނައެއް ނޫން" އާންމުންގެ މީހަކު ބުންޏެވެ.

ކޮވީޑް-19 ފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މިސްކިތްތަކުގައި ގައިދުރުކަން ބަހައްޓައިގެން ޖަމާޢަތް ހަދައިގެން ނަމާދު ކުރެވިދާނެ ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ މަޖިލީހުން ފަތުވާ ނެރެފައިވާއިރު، ގައިދުރުކަމުގައި މިސްކިތުގެ ޖަމާޢަތް ހެދުމުގެ ހުއްދަ ދިނުން ލަސްވާ ސަބަބާއި މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.


ދީނީ ޢިލްމުވެރިންގެ ކަންބޮޑުވުން ހުރިކަމެއް

މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުން މެދުކަނޑާލީ މެއި މަހުގެ 12 ވަނަ ދުވަހެވެ. މިކަމަކީ، ދީނީ ޢިލްމުވެރިންގެ ވެސް ނުހަނު ބޮޑު ކަންބޮޑުވުމެކެވެ. މިކަމުގެ ކަންބޮޑުވުން ދީނީ ޢިލްމުވެރިން ދަނީ އެކި ގޮތްގޮތުން ފާޅު ކުރައްވަމުންނެވެ.

"މާތް ﷲ ހެޔޮ ރަޙުމަތްފުޅުން މި ވަގުތު މާލެ ސިޓީގެ ޙާލަތު ރަނގަޅުވަމުންދިއުމާއެކު، އެންމެ ރަނގަޅުގޮތަކީ ލަސްނުކޮށް ޖަމާޢަތް ފެށުންކަމުގައި ދެކެން. ގިނަ ދުވަސް ވަންދެން މިސްކިތް ބަންދުކޮށް ޖަމާޢަތް މެދުކަނޑާފަ ބޭއްވުން ރަނގަޅެއް ނުވާނެ" ކަންބޮޑުވުން ފާޅު ކުރައްވަމުން ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.


ގޮތެއް ނިންމުން ލަސް

މިސްކިތްތަކުގެ ޖަމާޢަތް ފެށުމާއި ގުޅޭ މަޝްވަރާތައް މިހާރު ކުރިޔަށް ދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވީނަމަވެސް، އެ މަޝްވަރާތަކުން ގޮތެއް ނުނިމި ލަސްވާކަމަށް ގިނަބަޔަކު މިހާރު ދަނީ ބުނަމުންނެވެ.

ކޮވިޑްގެ ހާލަތު މެއި މަހުގެ ތެރޭގައި ގޯސްވެގެން ދިޔަ ނަމަވެސް، އޭރު ހަރުކަށިކުރި ފިޔަވަޅުތަކުގެ ސަބަބުން މިހާރު މިވަނީ ޕޮޒިޓިވްވާ އަދަދުތަކާއި ހޮސްޕިޓަލުގައި އެޑުމިޓްކޮށްގެން ފަރުވާދޭންޖެހޭ މިންވަރު ވަރަށް ބޮޑަށް ދަށް ކުރެވިފައެވެ. އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 233 މީހަކު ވަނީ އަލަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 31 މީހެކެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދަނީ 29 މީހަކަށެވެ.

މިސްކިތްތަކުގެ ޖަމާޢަތް ހުއްޓާލުމަށް ނިންމިއިރު، މާލޭ ސަރަޙައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 1000 ން މަތީގައެވެ. ނަމަވެސް، އެއަދަދު މިވަނީ ވަރަށް ބޮޑުތަނުން ތިރިވެފައެވެ. މި އަދަދުތައް ތިރިވެ އައު އާންމު ހާލަތަކަށް އެބަދެވޭކަން އެނގުނު ހިސާބުން، ޖިމްތަކާއި ސެލޫންތައް ފަދަ ތަންތަން ހިންގާ ފަރާތްތަކާއި އެތަންތަނުގެ ކަސްޓަމަރުން އުފުލި އަޑުގެ ގަދަކަމާއި ބުރަކަމުން، ސަރުކާރަށް އިސްކަން ދެވުނީ އެކަމަށެވެ. ކަންމިހެން އޮތްއިރު، ޖަމާއަތުގައި ނަމާދު ކުރުން އަލުން ހުޅުވާލުމަކީ އެންމެ އިސްކަންދޭންޖެހޭ ކަން ކަމުގައި ސަރުކާރަކަށް ނުފެނުންކަމީ ހިތާމަ ކުރަންޖެހޭ ކަމަކެވެ.

Advertisement

ކޮމެންޓް