މިކާޓޫނުން މިކިޔައިދެނީ ކޮން ވާހަކައެއް؟

16 Jan 2019 | 13:40

މަތީގައިވާ ކާޓޫނަކީ އެމްޑީޕީގެ ވަރަށް އިސް އެކްޓިވިސްޓެއްކަމުގައިވާ އަހުމަދު އައްބާސްގެ ފަހުގެ ކާޓޫނެކެވެ. އޭނާ ކާޓޫން މިކުރަހާފައިވަނީ ފެންނަފެނުމަށް އެމްޑީޕީގެ މިހާރުގެ ސަރުކާރަށް ޚާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ފާޑުކިޔުމުގެ ގޮތުންނެވެ.

ކާޓޫނުން ފެންނަނީ ރައީސް ބާޒާރުމަތީގައި ގާޑިޔާއަކަށް ކޯލިޝަން ލައްވައިގެން މަގުމަތީގައި ހިންގަވާ ތަނެވެ. ކޯލިޝަންގައި ހިމެނެނީ ރައީސް މައުމޫންއާއި އަދާލަތާއި ޖޭޕީއެވެ. އެމްޑީޕީގެ ކައްޓާ ނުވަތަ ތިލަފަތުން އެކިރަނީ ހީވާގޮތުން ޖޭޕީއެވެ. ތިލަފަތުގެ އެއްކޮޅުގައި އޮތީ ލަފާކުރެވޭގޮތުން އިނގިރޭސިވިލާތުގެ ޖަޖެކެވެ.

ރީނދޫ ޓީޝާޓެއް ލައިގެން އަހުމަދު އައްބާސް ރައީސް ކުރައްވާކަމެއް ސިއްރުސިއްރުން ބަލަނީއެވެ. އޭނާގެ ސިކުނޑިއޮތީ ސުވާލުމާކުން ފުރިފައެވެ.

އަހުމަދު އައްބާސްގެ މިކާޓޫނަކީ އެމްޑީޕީގެތެރޭގައި އުފެދިފައިވާ ވަރަށް ބޮޑު ނުތަނަވަސްކަމެކެވެ. އައްބާސްއަކީ ވަރުގަދަ އާޓިސްޓެއްވީމާ އާޓިސްޓިކް ބަހުރުވައިން ކިޔައިދެނީއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރު އެމްޑީޕީއަށްވުރެ ކޯލިޝަންގެ އެހެން ބައިވެރިން ކޮންޓްރޯލްކުރާކަމަށް އެމްޑީޕީގެ ތެރޭގައި ވާހަކަދެކެވެއެވެ. އެކަމާ ވަރަށް ހިތްހަމަނުޖެހިގެން އުޅޭމީހުންވެސް އުޅެއެވެ. ރައީސް މުހައްމަދު ނަޝީދުގެ ބްލެސިން ލިބިގެން ނަވާނަވައި ކިޔާ ބަޔަކު ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ކުރިމައްޗަށް ނެރުނީވެސް އެހެންވެގެންނެވެ.

ޖޭޕީސަރުކާރުކޮންޓްރޯލްކުރާކަމަށް އެމްޑީޕީގެތެރޭގައި ބަޔަކު އަޑުފަތުރަމުންދިޔަނަމަވެސް ސަރުކާރުގެ ގިނަ ކުންފުނިތަކުގައި ތިބީ އެމްޑީޕީގެ މެމްބަރުންނެވެ. ސަރުކާރުގެ ބާރުގަދަ ވުޒާރާތައް އޮތީ އެމްޑީޕީއަށެވެ.


Advertisement

ކޮމެންޓް