ޔޫރޯ 2020: ޕެނަލްޓީގައި ސްވިޒަލޭންޑް ބަލިކޮށް ސްޕެއިން ސެމީއަށް

03 Jul 2021 | 00:19

ޔޫރޯ 2020 ގެ ކުއާޓާފައިނަލުގައި ސްވިޒަލޭންޑާއި ވާދަކޮށް ޕެނަލްޓީގައި 3-1 އިން ކުރިހޯދާ، މުބާރާތުގެ ސެމީފައިނަލަށް ސްޕެއިން ދަތުރުކޮށްފި އެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ. އެއާއެކު އިތުރުވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ނުނެރެވުމުން ދެން ޖެހީ ޕެނަލްޓީއެވެ. 

މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައިވަނީ ސްޕެއިން އެވެ. ސްވިޒަލޭންޑް ރަނގަޅަށް ކުޅުމުގެ ތެރެއަށް ނުވެދެވި އުޅެނިކޮށް މި ގޯލް ވަދެފައިވާއިރު މިއީ ޖޯޑީ އަލްބާ ފޮނުވާލި ބާރު ހަމަލާއެއް ސްވިޒަލޭންޑުގެ ޒަކަރިޔާ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ.

މި ގޯލަށްފަހު ފުރަތަމަ ހާފްގައި ސްޕެއިނަށް މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައި ނުވެއެވެ. ނަމަވެސް ސްވިޒަލޭންޑުން ދިޔައީ ފަހަރަކަށް ފަހު ފަހަރެއް ނުރައްކާ ކުރަމުންނެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ޝަކީރީ ވަނީ ސްވިޒަލޭންޑަށް ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ އޭނާގެ ތަޖުރިބާ ބޭނުންކޮށްގެން ޖަހާފައިވާ މޮޅު ގޯލެކެވެ.

ސްވިޒަލޭންޑަށް މައްސަލަ ކުރިމަތިވީ ސްޕެއިންގެ ޖެރާޑް މޮރޭނޯއަށް ކުރި ނުރައްކާތެރި ފައުލާއި ގުޅިގެން ސްވިޒަލޭންޑްގެ ފްރައުލާ އަށް ރަތްކާޑޫ ދެއްކުމުންނެވެ. އެއް ކުޅުންތެރިއެއް މަދުން ކުޅެން ޖެހުމުން ކުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ނަތީޖާ އެއްވަރުވުމުން ދެން ކުޅުނީ 15 މިނެޓުގެ ދެ ހާފެވެ. މި ދެ ހާފުގައި ވެސް ނަތީޖާ ނުނެރެވުމުން ދެން ޖެހީ ޕެނަލްޓިއެވެ. 

މި ނަތީޖާއާއެކު ސެމީފައިނަލުގައި ސްޕެއިން ބައްދަލުކުރާނީ މިރޭ ބެލްޖިއަމް އާއި އިޓަލީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

Advertisement

ކޮމެންޓް

Advertisement