ޔޫރޯ 2020: ބެލްޖިއަމް އަތްދަށުކޮށް ގަދަފަދަ އިޓަލީ ސެމީފައިނަލަށް

03 Jul 2021 | 02:21

ފުރަތަމަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ޔޫރޯ 2020 ގެ ކުއާޓާފައިނަލުގައި ބެލްޖިއަމް ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް އިޓަލީ ދަތުރުކޮށްފިއެވެ. 

ޖަރުމަނުގެ އެލައެންޒް އެރީނާގައި ކުޅުނު މި މެޗު އިޓަލީ ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. އިޓަލީގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިފައިވެއެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ސެމީފައިނަލުގައި އިޓަލީ ބައްދަލުކުރަން ޖެހޭ ޓީމަކީ ކުއާޓާގައި ސްވިޒަލޭންޑް ބަލިކޮށް ސެމީފައިނަލުގެ ޖާގައެއް ހޯދި ސްޕެއިން އާއެވެ. 

މެޗު ފަށައިގެން ބެލްޖިއަމް ދިޔައީ ނުރައްކާކުރަމުންނެވެ. ހާއްސަކޮށް ލުކާކޫއަށް މި މެޗުގެ ކުރީކޮޅު ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އަނެއްކޮޅުން އިޓަލީގެ އުއްމީދީ ކީޕަރު ޑޮންނަރުއްމާގެ ފަރާތުންވެސް ފެނިގެންދިޔައީ ތަފާތު މޮޅު ކުޅުމެކެވެ.

އިޓަލީން މި މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބުކުރި އެވެ. މެޗުގެ 12 ވަނަ މިނެޓުގައި އިންސީނިއޭގެ ހިލޭ ޖެހުމުން ކެޕްޓަން ކިއެލީނީ އިޓަލީއަށް ލަނޑެއް ކާމިޔާބުކުރި ނަމަވެެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑު ލަނޑެއް ކަމުގައެވެ.

މެޗުގެ 31 ވަނަ މިނެޓްގައި ނިކޮލޯ ބަރެއްލާ ވަނީ އިޓަލީ އަށް ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލޮރެންޒޯ އިންސިންޔޭ ވަނީ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ އިޓަލީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ހާފް ނިމެން ދަނިކޮށް ބެލްޖިއަމަށް ޕެނަލްޓީއެއް ލިބުނެވެ. ލުކާކޫ ވަނީ މި ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފު ނިމުނީ އެއް ގޯލުގެ ލީޑަކާއެކު އިޓަލީ އޮވެގެންނެވެ.

ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަކުރަން ބެލްޖިއަމަށް ރަނުގެ ފުރުސަތުތަކެއް ލިބުނެވެ. ހާއްސަކޮށް ލުކާކޫ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މި މެޗުގައި އެންމެ ފާހަގަކޮށްލެވުނީ އިޓަލީގެ ވަރުގަދަ ޑިފެންސްލައިނެވެ. ބެލްޖިއަމްގެ ކުޅުންތެރިން ވަރަށް ރަނގަޅަށް އިޓަލީގެ ޑިފެންސްލައިނުން ހަމަޔަކަށް އެޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement