Advertisement

24 ގަޑިއިރު ފިހާރަތަކާއި ކެފޭތައް ހުޅުވުމުގެ އުސޫލު އާންމުކޮށްފި

31 Dec 2018 | 20:15

 ފިހާރަތަކާއި ސައިހޮޓާ އަދި ރެސްޓޯރަންޓް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ އުޞޫލު އިކޮނޮމިކް މިނިސްޓްރީން ގެޒެޓްގައި ޝާއިއުކޮށްފިއެވެ.

ގެޒެޓްގައި މިއަދު ޝާއިއުކުރި މި އުސޫލުގައިވާގޮތުގައި 24 ގަޑިއިރު ޚިދުމަތްދިނުމުގެ ހުއްދަ ދޭނީ، ސާފުކޮށް އެތެރެ ފެންނާނެހެން އަލިކޮށްފައި ހުންނަ، ސީސީޓީވީ ކެމެރާ 24 ގަޑިއިރު އޮޕަރޭޓްކުރާ ފިހާރަތަކާއި ރެސްޓޯރަންޓްތަކާއި ހޮޓާތަކަށެވެ. އަދި 24 ގަޑިއިރު ހިންގުމުގެ ހުއްދައަށް އެދި ހުށައަޅަންޖެހޭނީ ސިޓީ ކައުންސިލަށް، ނުވަތަ ރަށެއްގައި ނަމަ ރަށު ކައުންސިލަށެވެ.

މިއަދު ޝާއިއުކުރި ގަވާއިދުގައިވާގޮތުގައި ފްރެންޗައިޒް އުސޫލުން ހިންގާ ތަންތަނަށް 24 ހިންގުމުގެ ހުއްދައެއް ނުދެވޭނެއެވެ. އަދި 24 ގަޑިއިރު ޚިދުމަތްދޭ ސައި ހޮޓާ، ރެސްޓޯރަންޓް ކެފޭތަކުގައި ދުންފަތުގެ އިސްތިއުމާލްކުރުމަކީ މަނާކަމެއްކަމުގައިވެސް ވަނީ ފާހަގަކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ ޤަވާއިދުގައިވާ ގޮތުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ލިބޭ ފަރާތްތަކުން މީރާއަށް ދެހާސް ރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ. އަދި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ 2 އަހަރުގެ މުއްދަތަކަށް ދޭއިރު، 2 އަހަރު ވުމުން ހުއްދަ އާކުރުމަށް ހުށަހަޅަންޖެހޭނެކަމަށްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން މިއަދުވަނީ، މިއަދުން ފެށިގެން ރޭގަނޑު އެގާރަ ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފައެވެ.

Advertisement

ކޮމެންޓް