ޚާރިޖީ ސިޔާސަތުގައި މީޑިއާގެ މުހިންމު ދައުރު

03 Jul 2021 | 21:43

"ޑިމޮކްރަސީ" މި ލަފްޒަކީ ހަގީގަތުގައި ގްރީކް ލަފްޒެކެވެ. މި ލަފްޒު އެކުލެވިގެންވަނީ "ޑީމޯސް" ނުވަތަ އާންމު މީހުން އަދި "ކްރޭޓޯސް" ނުވަތަ ބާރުގެ މައްޗަށެވެ. ޑިމޮކްރަޓިކް ނިޒާމެއްގެ މައިގަނޑު އަސާސަކީވެސް އެއީއެވެ. ވެރިކަމުގެ ހަގީގީ ބާރާއި ގައުމު ހިންގުމުގެ ޙަޤީޤީ ބާރު އޮންނާނީ ރައްޔިތުންގެ އަތްމަތީގައެވެ. އަދުގެ ދުނިޔޭގެ އެކި ޤައުމުތަކުގައި މި އުސޫލު ތަންފީޒުކުރެވެމުން އަންނަނީ އެކި ސިފައިގައެވެ.

ދިވެހިރާއްޖޭގައި 2008ވަނަ އަހަރު ތަޞްދީޤުކުރެވުނު ފެހި ޤާނޫނު އަސާސީގެ ފުރަތަމަ ބާބުގެ ހަތަރުވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކުރެވިފައިވެއެވެ. ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ. މާނަވީ ޑިމޮކްރަސީއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކަންތައްތައް ހިންގުމަށް މަސައްކަތް ކުރެވެމުންދާތާ އެތަކެއް އަހަރުތަކެއް މިވަނީ ވެފައެވެ. އެކަން ޙަޤީޤަތުގައި ހާސިލުވެފައިވާ މިންވަރަކީ، އެކި ފަރާތްތަކުން އެކި ގޮތްގޮތަށް މިނެކިރާނެ ކަމެކެވެ. އެހެނަސް، ގިނަބަޔަކު އިއްތިފާގުވާނެ ކަމަކީ އަދިވެސް "ދިވެހި ޑިމޮކްރަސީ" އިތުރަށް ތަރައްޤީވުމުގެ ފުރުޞަތު އެބައޮތްކަމަށެވެ.

ޑިމޮކްރަޓިކް ވެއްޓެއްގައި ރައްޔިތުންނާއި އެބައިމީހުންގެ ޚާދިމުންނާއި ގުޅުވާލަދޭނެ އެންމެ ބޮޑު އެއް ވަސީލަތަކީ މީޑިއާއެވެ. އަޅުގަނޑުމެންގެ ވޯޓުން އިންތިޚާބުކުރެވޭ ސަރުކާރާއި، މަޖިލިސް މެންބަރުންނާއި ކައުންސިލަރުންނަކީ ހަގީގަތުގައި އަޅުގަނޑުމެންގެ ޚާދިމުންނެވެ. މި ޚާދިމުންގެ ކިބައިން ރައްޔިތުން ބޭނުންވާ ކަންކަމާއި، ރައްޔިތުންގެ އިހުސާސްތަކާއި އަދި ޚާދިމުންގެ މަސައްކަތް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގައި މީޑިއާއިން ވަރަށްވެސް މުހިންމު ދައުރެއް އަދާކުރެއެވެ. ވެރިކަމުގެ ނިޒާމުގެ ހަތަރުވަނަ ގަދަފަދަ ބާރަކީ މީޑިއާކަމަށް ބައެއް ފަރާތްތަކުން ސިފަކުރަނީ މިހެންވެގެންނެވެ.

ޤައުމަކީ ޑިމޮކްރަޓިކް ޤައުމަކަށް ވިޔަސް އަދި ޚުދުމުހުތާރުކޮށް ކަންތައްތައް ހިނގާ ޤައުމެއް ކަމުގައި ވީނަަމަވެސް، ޚާރިޖީ ސިޔާސަތަކީ ވަރަށްވެސް މުހިންމު އެއްޗެކެވެ. ބަވަނަވަމުންދާ އަދުގެ ދުނިޔޭގައި ޤައުމެއްގެ ޚާރިޖީ ސިޔާސަތަކީ އެގައުމަކުން ބޭރުގެ އެހެން ޤައުމުތަކާއި އަދި ޖަމުޢިއްޔާ ޖަމާއަތްތަކާއި ގުޅުން ބަހައްޓާގޮތް އެކަށައަޅާ އެއްޗެއްގެ އިތުރުން، ޤައުމެއްގެ ދާޚިލީ ތަރައްގީއާއި ހަމަޖެހުންވެސް އެކަމެއްގެ މައްޗަށް ބިނާވެފައިވާ މުހިންމު ބިންގަލެކެވެ.


މީޑިއާއާއި ޚާރިޖީ ސިޔާސަތުގެ ބަދަހި ގުޅުން:

ކުރިއަރަމުންދާ ޑިމޮކްރަޓިކް ވެއްޓެއްގައި ޤައުމެއްގެ ޚާރިޖީ ސިޔާސަތު އާންމު ގޮތެއްގައި ބިނާވެގެންދާ އެއް މުހިންމު އަސާސަަކީ އެޤައުމެއްގެ ރައްޔިތުން ކަންކަމާއި މެދު ދެކޭގޮތެވެ. ރައްޔިތުންގެ ޚާދިމުންނަކީ ކަންކަމުގައި ގޮތް ނިންމާ ފަރާތްތައް ކަމުގައި ވީނަމަވެސް، އެމީހުންނަށް ގޮތްތައް ނިންމުމުގެ ކުރިން ދެނެގަންނަންޖެހޭ ބައިވަރު ކަންތައްތައް ހުންނާނެއެވެ. އެގޮތުން ޚާރިޖީ ނިންމުމެއް ނިންމައިފިނަމަ، އެކަމުން ޤައުމުގެ އެތެރޭގެ ކަންކަމަށް އަތުވެދާނެފަދަ ބަދަލުތަކާއި ވަކި މައްސަލައަކާއި މެދު ޤައުމުގެ ރައްޔިތުން ދެކޭގޮތް ހޯދުމަކީ ގިނަ ޤައުމުތަކެއްގައި ކުރާކަމެކެވެ. ކަންކަން ނިންމާ ފަރާތްތަކާއި ހަމައަށް މި ޚިޔާލުތައް ވާސިލުކޮށްދޭ އެންމެ އަގުހުރި ވަސީލަތަކީ ޑިމޮކްރަޓިކް ވެއްޓެއްގައިވާ މީޑިއާއެވެ.

ކްރިސް އަލްޑެން އަދި އެމޮން އެރެން، އެމީހުންގެ ފޮތެއްކަމަށްވާ "ފޮރިން ޕޮލިސީ އެނަލިސިސް" (2017)ގައި ބުނެފައިވާ ގޮތުގައި ޚާރިޖީ ސިޔާސަތަށް މީޑިއާއިން އަސަރު ފޯރުވަނީ ތިން ގޮތެއްގެ މަތިންނެވެ. އެއީ އެއީ އެޖެންޑާއެއް އެކަށައެޅުން، މަޢުލޫމާތު އޮޅުން ފިލުވައިދިނުން އަދި ސަރުކާރުގެ ޕްރޮޕެގެންޑާ ޓޫލެއްގެ ގޮތުންނެވެ.


ސީއެންއެން އިފެކްޓްގެ ވާހަކަ:

ޑިމޮކްރަޓިކް ވެއްޓެއްގައި މީޑިއާތަކުގެ ބާރު ކިތަންމެހާވެސް ގަދައެވެ. މީޑިއާތަކުން ކަމަކާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހުރިނެތްގޮތް ހާމަކޮށްދޭއިރު، ބައެއް ފަހަރަށް އެމީހުންގެ ޚިޔާލުތައް އުފެދުމުގެ ތެރޭގައިވެސް މީޑިއާތަކުން މުހިންމު ދައުރެއް އަދާކުރެއެވެ. ޚާރިޖީ ސިޔާސަތާއި ގުޅޭ ކަންކަމުގައިވެސް ވަނީ މިފަދައިންނެވެ.

މީޑިއާގެ އިލްމުވެރިން ފާހަގަކުރާ މަޝްހޫރު "ސީއެންއެން އިފެކްޓް"ގެ ދަށުން، މީޑިއާތަކުން މާބޮޑަށް ވަކި މައްސަލައެއްގެ ވާހަކަ މާބޮޑަށް ދައްކަން ވެއްޖެނަމަ ވަކި ހިސާބަކުން ސަރުކާރަށްވެސް އެކަމާއި މެދު ގޮތެއް ކަނޑައަޅަން މަޖުބޫެރުވެގެންދެއެވެ. އެއީ މީޑިއާއިން އެ މައްސަލައަކާއި މެދު ރައްޔިތުން ދެކޭގޮތް ހާމަކޮށްދިނުމުގެ އިތުރުން، އެކަމާއި މެދު ވަކި ނަޒަރަކުން ވިސްނާނެ މީހުންވެސް އިތުރުކޮށްދޭނެތީވެއެވެ.

މިސާލެއްގެ ގޮތުން ބުނާނަމަ، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ އަނިޔާތަކުގެ ވާހަކަ ގިނައިން ދެއްކުމުން ރައްޔިތުންގެ ފަރާތުން އެ މައްސަލައިގައި ގޮތެއް ނިންމުމަށް ސަރުކާރުގެ މައްޗަށް ޕްރެޝަރ އަތުވެދާނެއެވެ.


މިނިވަން އެޑިޓޯރިއަލް ޕޮލިސީއެއް ވަރަށް މުހިންމު!

މީޑިއާތަކުން ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭ ޚަބަރުތައް ބިނާވެގެންވާ އެންމެ މައިގަނޑު އަސާސަކީ އެތަނެއްގެ އެޑިޓޯރިއަލް ޕޮލިސީއެވެ. ޚާރިޖީ ވެއްޓެއްގައި ސަރުކާރުން ނިންމާ ނިންމުންތަކުގެ މޫނުމަތީގައިވާ މައުލޫމާތުތަކާއި އަޑީގައިވާ މައުލޫމާތުތައް އާންމުންނަށް ހިއްސާކުރުމުގައި މީޑިއާއަށް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ.

އެހެނަސް މިކަމުގެ ތެރޭގައި ކަން އޮތްގޮތަށް، އިތުރު ބަދަލުތަކެއް ގެނައުމެއް ނެތި ގެނައުމުގައި އެޑިޓޯރިއަލް ޕޮލިސީ އަދި އެ ޚަބަރެއް ލިޔާ ފަރާތަކުން މައްސަލައަކާއި މެދު ދެކޭގޮތްވެސް ވަރަށް މުހިންމު ވާނެއެވެ. ގަބޫލުކުރަންވާނެ ހަގީގަތަކީ، ދުނިޔޭގެ އެއްވެސް ކަމަކާއި މެދު އެންމެން އެއްގޮތަކަށް ނުދެކޭނެކަމެވެ.

އެހެނަސް، ޚާރިޖީ ސިޔާސަތުގެ ކަންތައްތަކާއި މެދު މީޑިއާތަކުން މައުލޫމާތު ފޯރުކޮށްދޭއިރު، ވީހާވެސް ބޮޑަކަށް މިނިވަން އެޑިޓޯރިއަލް ޕޮލިސީއެއް އޮތުމަކީ މުހިންމު ކަމެއްކަމަށް އިލްމުވެރިން ވިދާޅުވެއެވެ. އެކަމުގެ ސަބަބު ވަރަށްވެސް ސާފެވެ. ކުރުކޮށް ދަންނަވާނަމަ، އެއީ ކަނޑިއަށްވުރެ ގަލަމުގެ ބާރު މާ ވަރުގަދަވީތީއެވެ.


މީޑިއާ "ޕްރޮޕެގެންޑާ ޓޫލެއްގެ" ގޮތުގައި؟

ޑިމޮކްރަސީއެއްގައިވެސް އަދި ޚުދުމުހުތާރު ވެރިކަމެއްގައިވެސް މީޑިއާތައް ބައެއް ފަހަރަށް ޕްރޮޕެގެންޑާ ޓޫލްތަކެއްގެ ގޮތުގައި ބޭނުންކުރެވިގެންދެއެވެ. އެކަމުގެ މައިގަނޑު ބޭނުމަކީ ކަމަކާއި މެދު ރައްޔިތުންގެ ވިސްނުން ވަކި ގޮތަކަށް އަނބުރާލައި، އެ ވެރިކަމެއްގެ ސަލާމަތްތެރިކަން ކަށަވަރުކުރުންކަމަށް ބުނެވިދާނެއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި ޑިމޮކްރަސީތަކުންވެސް މީޑިއާތައް މެދުވެރިކޮށް ކަންކަމާއި މެދު އާންމުން ދެކޭގޮތް ބަދަލުކުރުމަށް ރޭވިގެން މަސައްކަތްކުރެއެވެ. މިކަމަށް ބާރުދޭގޮތަށް ވާހަކަ ދައްކަވާފައިވާ އެއް ފަރާތަކީ އެމެރިކާގެ މަޝްހޫރު ފިލޯސޮފަރ ނޮއާމް ޗޮމްސްކީއެވެ. ޗޮމްސްކީ އޭނާގެ ފޮތެއްކަމަށްވާ "މެނުފެކްޗަރިންގ ކޮންސެންޓް: ދަ ޕޮލިޓިކަލް އިކޮނޮމީ އޮފް ދި މާސް މީޑިއާ" (1988)ގައި ބުނެފައިވާ ގޮތުގައި ދައުލަތާއި މީޑިއާތަކުގައިވާ ބޮޑުންވެގެން ކަންކަމާއި މެދު އާންމުން ދެކޭގޮތް ވަކިގޮތަކަށް ބައްޓަންކުރުވައި، "މެނުފެކްޗަރޑް ކޮންސެންޓް"އެއް އުފަންކުރުވައެވެ.

އޭގެ ބޭނުމަކީ އެފަރާތްތަކުން ބޭނުންވާ ވަކި ޚާރިޖީ ސިޔާސަތަކާއި ގުޅޭ އެޖެންޑާއަކަށް ތާއިދު ހޯދުމެވެ. މިސާލެއްގެ ގޮތުން، ޤައުމުގެ ތެރޭގައި ތިބި ވަކި ބަޔަކު ބޭނުންވާ ގޮތަށް ވަކި މައްސަލައަކާއި ގުޅޭ ޚާރިޖީ ސިޔާސަތު އަނބުރާލުމަށް ސަރުކާރަށް "މަޖުބޫރުކުރުވުމަށް" މީޑިއާގެ ބޭނުން ކުރެވިދާނެއެވެ.

ކަންމިހެން އޮތްއިރު، ގަބޫލުކުރަންޖެހޭނެ ކަމަކީ އާންމު މީޑިއާގެ ވަސީލަތްތަކުގެ އިތުރުން މީސް މީޑިއާގެ ވަސީލަތްތަކުގެ ސަބަބުންވެސް ޚާރިޖީ ސިޔާސަތަށް އަސަރު ފޯރުވަފާނެކަމަށެވެ. އަދުގެ ބަވަނަވެފައިވާ ދުނިޔޭގައި، މީސް މީޑިއާގައި އިންތިހާއަށް ބާރުގަދަ ވަސީލަތެކެވެ. މީސް މީޑިއާގެ ވަސީލަތްތަކުގެ އެހީގައި ޚާރިޖީ ކަންކަމަށް ފައިދާހުރި އަދި ގެއްލުންހުރި އަސަރުތައްވެސް ގެނެވިދާނެއެވެ. އެކަމުގެ އެއް މިސާލަކީ މިއަދު ދިވެހިރާއްޖޭގެ މީސް މީޑިއާގައި ކުރިއަށްދާ "އިންޑިއާ އައުޓް" ކެމްޕެއިނެވެ.

އެއްބަޔަކަށް މިއީ ގައުމީ ހަރަކާތެކެވެ. އަނެއް ބަޔަކަށް މިއީ ވަކި ސިޔާސީ ފިކުރަކާއި ޤައުމެއް ފަހަތުގައި އޮވެގެން ހިންގާ ނުރައްކާތެރި ހަރަކާތެކެވެ.


ނިންމުން:

ޑިމޮކްރަޓިކް ވެއްޓެއްގައި ޤައުމެއްގެ ޚާރިޖީ ސިޔާސަތު އެކަށައެޅުމާއި ތަންފީޒުކުރުމުގައި މީޑިއާގެ ދައުރު ކިތަންމެހާވެސް މުހިންމުވެފައި ބާރުގަދައެވެ. ދިވެހިރާއްޖޭއަކީ ނިސްބަތުން ކިތަންމެ ކުޑަ އަދި ޑިމޮކްރަސީގެ ގޮތުން އެހާ "ކުރިއަރާފައި" ނުވާ ޤައުމަކަށްވީ ނަމަވެސް، ޚާރިޖީ ކަންކަމުގައި މީޑިއާގެ ދައުރު ވަަރަށް މުހިންމެވެ. އެހެންކަމުން މީޑިއާތަކުން މިހާރަށްވުރެ ބޮޑަށް ޚާރިޖީ ކަންކަމުގެ ވާހަކަ ދެއްކުމަކީ ކުރެވިދާނެކަމެކެވެ. އެފަދަ ކަންކަމުގައި ހުރިހާ މީޑިއާއަކުން އެއްގޮތަކަށް ޢަމަލުކުރާކަށްވެސް ނުޖެހެއެވެ. ކަން އޮތްގޮތަށް އެވާހަކަ ދައްކައި، އާންމު ފަރުދުންގެ ކިބައިގައި ހެޔޮގޮތުގައި ކަންކަމާއި މެދު ވިސްނައި ސުވާލުކުރުމުގެ ޝައުގުވެރިކަން އިތުރުކުރުވުމުން ފުދޭނެއެވެ. 

Advertisement

ކޮމެންޓް